ދުނިޔޭގެ ތާރީހުން ނުފޫޒު ގަދަ ލީޑަރުންނާއި ރައީސް ޑރ. މުޢިއްޒާއި ތަފާތެއް ނެތް!
ދެންމެ | 16 މެއި 2024

ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު

ކާމިޔާބަކީ އަމާޒެއް އޮވެގެން މަސައްކަތްކުރާ މީހުންގެ ހައްގެކެވެ. ކާމިޔާބު ލިބުމުން ބޮޑާގެ ގަތުމަކީ ނާކާމިޔާބީގެ ތަޅުދަނޑިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުއަކީ ފުރަތަމަ މިނިސްޓަރުކަމުން ފެށިގެންވެސް އަމާޒެއް އޮވެގެން، ލަނޑުދަނޑިތަކެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެއަށް ފަހު މާލޭގެ މޭޔަރުކަމުގެ ކެމްޕޭނަށް ނުކުންނެވީ ވެސް އަމާޒެއް އޮވެގެން، ތަސައްވުރެއް އޮވެގެން ބިނާކުރުވަނިވި ވިސްނުންފުޅެއް އޮވެގެންނެވެ. މޭޔަރުކަންވެސް އެމަނިކުފާނު ކާމިޔާބު ކުރެއްވިއެވެ. އެއަށް ފަހު މިހާރު އެ ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައެވެ. ސަލްމާން ރަސްގެފާނު އެވިދާޅުވީ ހެޔޮ ބަސްފުޅެކެވެ. ކާމިޔާބަކީ އަމާޒެއް އޮވެގެން މަސައްކަތްކުރާ މީހުންގެ ހައްގެކެވެ. ޑރ. މުޢިއްޒަކީ ރާއްޖޭގެ ރައީސްކަން އެންމެ ހައްގު އެއްބޭފުޅާއެވެ. ކާމިޔާބު ލިބިވަޑައިގެންނެވި އެއްވެސް ފަހަރަކު ބޮޑާކަމާއި ކިބުރުވެރިކަން އެއްފަރާތްކުރެއްވިއެވެ. އެމަނިކުފާނު ފަހަރަކު ކާމިޔާބުގެ ހަރުފަތެއް ގިރާކުރައްވަމުން ރާއްޖޭގެ ވަލިއްޔުލް އަމްރުގެ މަގާމަށް ވާސިލްވީވެސް ހިތްތިރިކަމާއި ކެތްތެރިކަމާއެކު ކުރެއްވި ހިކުމަތްތެރި މަސައްކަތުންނެވެ. ހެޔޮ ވިސްނޭ ކޮންމެ ރައްޔިތަކު މިކަމަށް ހެކިވާނެއެވެ.

 

ރަޝިޔާގެ ރައީސް ޕުޓިން

ރައްޔިތުން ދެކެ ބިރުން އުޅޭ ވެރިއަކަށް ވެރިކަމުގެ ދިގު މުސްތަގުބަލެއް ނެތެވެ. ހަގީގީ ވެރިންނަކީ މުހިއްމު ކޮންމެ ވަގުތަކު ރައްޔިތުންނާ ބައްދަލުކުރާ ލީޑަރުންނެވެ. ރައްޔިތުންނަށް ހެޔޮ މަގު ދައްކައިދޭ ލީޑަރުން އެހިނގަނީ ކާމިޔާބު ދެގުނަ ކުރަމުންނެވެ.

ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ. މުހިއްމު ކޮންމެ މުނާސަބަތެއްގައި، މުހިއްމު ކޮންމެ ވަގުތެއްގައި އެމަނިކުފާނު ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވައެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައެވެ. އަބަދުވެސް ރައްޔިތުންނަށް ހެޔޮ ނަސޭހަތް ދެއްވައެވެ. ހެޔޮ ގޮތްތައް ބުނެދެއްވައެވެ. އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ ކާމިޔާބު ދެގުނަވަމުން އެދަނީ މިސަބަބުތަކާ ހުރެއެވެ.

 

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން

ރައްޔިތުންގެ ވެރިން، ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކާނީ މަޑުމައިތިރި ކަމާއެކުގައެވެ. އަބަދުވެސް ތަފާތު ދެއްކުމަށް މަސައްކަތްކުރާ ވެރިންނާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެއެވެ.

ރާއްޖޭގެ ޚަޔާތުގައި މިހާ މަޑުމައިތިރިކޮށް ސާދާކޮށް، ރައްޔިތުންނާ މުޙާތަބުކުރައްވާ ވެރިއަކު އަދި ނާދެއެވެ. ސާފު ދިވެހި ބަހުން އެންމެ އާންމު އާދައިގެ މީހާއަށް ވެސް ވިސްނޭހާ ތިލަކޮށް ކަންކަން ބުނެދެއްވައެވެ. ވެރިކަމުގައި އަދިމިވީ މަދު ދުވަސްކޮޅެކެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންފިއެވެ. އެހެން ވެރިން ނުކުރައްވާ އާކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. މިފަހަރުގެ ކުޑަ ޢީދަކީ އޭގެ މިސާލެވެ. ފާއިތުވި ރަމަޟާން މަހަކީ އޭގެ ހެއްކެވެ. އަދި ކުރިއަށް އޮތީވެސް ތަފާތު ދެއްކެވުމެވެ. އެމަނިކުފާނަށް ރައްޔިތުންގެ ސަޕޯޓް ބޮޑުވެ އިތުބާރު ބޮޑުވަމުންދަނީ މިދެންނެވި ހަގީގަތްތައް ފާޅުވެ ފެނިގެން ދިއުމުންނެވެ.

 

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ

ޑިޕްލޮމެސީއަކީ ވެރިންގެ އެންމެ އިސް ސިފައަށް ހަދައިގެން މެނުވީ ގައުމުތަކާ އޮންނަ ގުޅުން ނުދެމެހެއްޓޭނެއެވެ. ހަނގުރާމައިގެ ހާލަތުގައި މެނުވީ ގަދަބަސްބުނެ، ގަދަބާރު ދައްކައިގެން ނުވާނެއެވެ. ވިސްނޭ ލީޑަރުން އަމަލުކުރާނީ އެގޮތަށެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިޔާ ސިފައިން އަނބުރާ ގައުމަށް ފޮނުއްވާލެއްވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ރިޔާސީ ވަޢުދެވެ. އެކަން ހާސިލްކުރެއްވުމުގައި އިސްކުރެއްވީ ޑިޕްލޮމެސީއާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުން ހިމެނެއެވެ. މިހާރު އޭގެ ދެ ގްރޫޕު ރާއްޖެ ދޫކޮށް ހިނގައްޖެއެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ބާކީ ތިބި ހުރިހާ ސިފައިން މިދިވެހި ފަސްގަނޑު ދޫކޮށްދާނެއެވެ. އެމަނިކުފާނުގެ މިފިޔަވަޅާ ގުޅިގެން އިންޑިޔާއިން އެކި ގޮތްގޮތުން އެމަނިކުފާނަށް ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް އެމަނިކުފާނު ފާޅުގައި އިނގުރޭސި ބަހުންވެސް ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިންނަށް ދިވެހި ފަސްގަނޑުގައި ގާއިމްވެ ނުތިބެވޭނެ ކަމަށާއި ދިވެހިރާއްޖެ ކިތަންމެ ކުޑަ ނަމަވެސް އެ ނިންމުމަށް ބޮޑެތި ގައުމުތަކުންވެސް އިހްތިރާމްކުރަން ޖެހޭނެ ކަމަށެވެ. ސަބަބަކީ އެއީ ދިވެހި ރައްޔިތުންނާއި ހުދު އެމަނިކުފާނުވެސް ރުހޭ ކަމަކަށްނުވާތީއެވެ.

އިންޑިޔާ ސިފައިން ފޭބުމުގެ ހުރިހާ މަރުހަލާއެއް ހިނގަމުންދަނީ އަމާންކަމާއި އޮމާންކަމާއެކުގައެވެ. ދެގައުމުގެ ދޭތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން މިހާރު ފިލައި ހިނގައްޖެއެވެ. ޑރ. މުޢިއްޒަކީ ވިސްނޭ ލީޑަރެކެވެ. ޑިޕްލޮމެސީ އިސްކުރައްވައި ކަންކަމަށް ސުލްހަވެރި ހައްލު ހޯއްދަވައި، ގައުމުތަކާއެކު ގުޅުން ވަރުގަދަކުރައްވަމުން އެގެންދަވަނީ ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ.

 

އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން

ހަގީގީ ލީޑަރުން ނުފިލާނެއެވެ. ވަރުބައްޔެއް ނުވާނެއެވެ. ފާޑުކިއުން ބަލައިގަންނާނެއެވެ. ސިޔާސީ ނަތީޖާ ނެރުމުގައި ހަރުދަނާވާނެއެވެ.

ކޯފީއަނާންގެ މި ބަސްކޮޅު ޑރ. މުޢިއްޒުގެ މަސައްކަތްޕުޅާއި މިޒާޖުފުޅާ މާބޮޑަށްވެސް ގުޅެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރައްޔިތުން ގާތަށް ވަޑައިގެންނެވުމުގައި އެމަނިކުފާނު ވަރުބަލިފުޅެއް ނުވެއެވެ. ސިޔާސީ ވާދަވެރިން މެދުނުކެނޑި އެމަނިކުފާނާ އަޅުވައި އެދައްކާ ދޮގު ބުހުތާނު ވާހަކަތަކަށް ރައްދު ދެއްވަނީ ފާޑުކިޔާ މީހުން އަމަލުކޮށްފައިވާ ގޮތްތަކުން މިސާލު ނަންގަވަމުންނެވެ. ސިޔާސީ ނަތީޖާ ނެރުމުގައި ޑރ. މުޢިއްޒަށް ދޭން ޖެހެނީ އޭ ރިޕޯޓެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވާސިލްވެވަޑައިގެންނެވުމަކީ އެކަމުގެ އެންމެ ސާދާ މިސާލެވެ. އަދި ރައީސްކަމުގައި ހޯއްދަވަމުން އެގެންދަވާ ކާމިޔާބީތައް މި ބޮޅަށް އިތުރުކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!