އަލީ ސަރީފް ހިމެނޭ ތަހްގީގް ކޮމެޓީން އޭނާ މައްސަލަ ނުބެލުމަށް ނިންމައި ކޮމިޝަނަށް ފޮނުވައިފި.
ދެންމެ | 02 ޖޫން 2022
ޖުޑިޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު އަލީ ޝަރީފްގެ މައްސަލަ އޭނާ ހިމެނިވަޑައި ގަންނަވާ ތަހްގީގް ކޮމެޓީން ސާބިތު ނުވާ ކަމަށް ނިންމައި ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލައެއް އެންމެ ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކޮމެޓީން ބަލައި ކޮމިޝަނަށް ފޮނުވަންޖެހޭނެ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޝަރީފް ހިމެނިވަޑައިގަންނަވާ ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި މިމައްސަލަ ސާބިތު ނުވާ ކަމަށް ނިންމައި ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.

ޖޭއެސްސީގެ ސެކްޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް މީޑިޔާތަކަށް ވިދާޅުވީ ތަހުގީގު ކޮމެޓީގައި އަލީ ޝަރީފްވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މި މައްސަލަ ކޮމިޝަނަށް ހުށަހެޅުނުއިރު ވެސް އޭނާ ހުންނެވީ ޗުއްޓީގައި ކަމަށެވެ.

ތަހުގީގު ކޮމެޓީގައި ތިއްބަވަނީ އަލީ ޝަރީފާއި ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި ޖޭއެސްސި މެމްބަރު އަބުދުލް މާނިއު ހުސައިން އެވެ.

އިޒްމީރާ ވިދާޅުވީ މި މައްސަލައަށް އަދި ގޮތް ނުނިމޭ ކަމަށާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތަރުތީބުން ޖަލްސާތައް ބާއްވައި އެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

”ތަރުތީބުން ބަލަމުން އަންނާނީ. މިއަދުވެސް ޖަލްސާއެއް ބޭއްވި. ހަމަ ވަރަށް އަވަސްވެސް ވެދާނެ.“ އިޒްމީރާ ވިދާޅުވި އެވެ.

އަލީ ޝަރީފްގެ މައްސަލާގައި ބުނެފައި ވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި ފަންބޮނޑި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މަސްއޫދު ހިލްމީއަށް މީހަކު ދަގަނޑުބުރިއަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ލ ފޮނަދޫ މެޖިސްޓްރޭޓް އަދި ޖޭއެސްސީ މެމްބަރުކަން ވެސް ކުރައްވާ އަލީ ޝަރީފް ފާޅުކަން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ.

މި މައްސަލާގައި އަލީ ޝަރީފް ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާފައިވާ ނިންމުމެއް، މައްސަލައިގެ ފަހު މަރުހަލާގައި އެހެން ގޮތަކަށް ބަދަލުކޮށް މައްސަލަ ސާބިތު ނުވާކަމަށް ހުކުމްކޮށްފަ އެވެ.

ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޝަރީއަތުގެ ކުރީ މަރުހަލާގައި ނިންމާފައިވާ ނިންމުން އެއްވެސް ފަރާތަކުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފްކޮށްފައި ނުވާއިރު، އެނިންމުން އެހެން ގޮތަކަށް ބަދަލު ކުރުމުގެ ބާރު އެމަރުހަލާގެ ކޯޓަކަށް ލިބިގެން ނުވާ ކަމަށް ގާނޫނުން ސާފަކޮށް އިގޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!