ކަނޑު ދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި
ދެންމެ | 18 މެއި 2024

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން، ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައިވާތީ، އަދި ހާއްސަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަން ޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުުރު ފަސްކޮށްލުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ބުރާސްފަތިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!