ދޫނިތައް މަރާނުލައި، ހެދޭނެ ގޮތްތައް ނައީމްގެ ވިސްނުމުން
ދެންމެ | 06 މާރޗް 2022

މުޅި ގައުމުގައި އިއްޔެ އެއް އަޑަކަށް އިވެމުން ދިޔައީ، އެތައް ބައެއްގެ ހިތާއި ލެޔާ ކުޅެލި، ދޫނިތަކެއް މާރަލި މައްސަލައިގެ ”ހިތާމަވެރި“ އަޑުތަކެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރާ ދިރޭ ތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް، މި ހަފުތާގައި އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނި، އާންމުންގެ ގާތަށް އައީ ހެސްކިޔާފައި ރުޅި އެވެ. އެ މަންޒަރު ބަލަން ހިތަށް ކެތެއް ނުވި އެވެ. އަދި އެ އެއްޗެހި މަރާލުން ނޫން ގޮތެއް ހަމަ ނެތީތޯ ތަކުރާރުކޮށް ސުވާލުކުރެވުނެވެ.

ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުއްލަވާ އަދި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް ކަން ވެސް ކުރައްވާ އިބްރާހިމް ނައީމަށް ވެސް މި ޚަބަރު އިވުމާ އެކު ލިބުނީ ”ޝޮކެކެވެ“. އޭނާ ވިދާޅުވީ، ބައެއް ހާލަތްތަކުގައި، ދިރޭ އެއްޗެހި ނައްތާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު އެ ދުވަހު އެ މަރާލެވުނީ، އެފަދަ ހާލަތެއްގައި ހުރި ދިރޭ އެއްޗެހިތޯ ރަނގަޅަށް ބެލިފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

”ނައްތާލަން ޖެހޭ އެއްޗެއް ނައްތާލަން ޖެހޭނެ. އެކަމަކު ނައްތާލުން ވާން ޖެހޭނީ އެންމެ ފަހު އޮޕަޝަނަށް،“ ނައީމް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އިންޖެކްޝަން ޖަހައިގެން މަރާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ ”ނިއާ ތްރެޓެންޑް“ ކެޓަގަރީގައި ހިމެނޭ ”ސަދަން މިލީ އެމެޒޯން“ ނުވަތަ ”އެމެޒޯނާ ފެރިސޯނާ“ގެ 10 ދޫނި ވެސް ހިމެނެ އެވެ.

މައްސަލައިގެ ފެށުން ގަވާއިދާ ހަމައިން

ނައީމް ވިދާޅުވީ، ދިރޭ އެއްޗެއް ނައްތާލަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެކަން ވެސް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެކަން ވެސް ކުރަން ވާނީ ހާއްސަ އުސޫލުތަކެއް ތެރެއިން ކަމަށާއި މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެފަދަ ހާލަތްތަކަކީ ސީދާ ކޮބައިކަން ގާނޫނާއި ގަވާއިދުތަކުގައި ތަފްސީލުކޮށް ބަޔާންކުރެވިފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް އެތެރެކުރާ ދޫނިތަކާ ގުޅޭ ކަންކަން ބެލެމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ފިޝަރީޒް މިނިސްޓްރީއާ އެވެ. ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ މިނިސްޓްރީގެ ދަށުން ހިންގާ، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާވިސަސް ޔުނިޓަށް ނައްތާލެވޭނެ އެވެ. އެކަމަކު އެ ނައްތާލެވެނީ ސީދާ ކޮން ހާލަތެއްގައި ކަމެއް ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.

އެ ގަވާއިދުގައި ހަމައެކަނި ދީފައިވާ އިހުތިޔާރަކީ ދޫނިތައް އަނބުރާ ފޮނުވާލުމަށް ނުވަތަ އެ ނައްތާލުމަށް ދާ ހުރިހާ ހަރަދެއްގެ ޒިންމާ އެ އެތެރެކުރި ފަރާތުން އުފުލަން ޖެހޭ ގޮތަށް ހެދުމެވެ.

ނައީމް ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހު ގެނަންވީ މި ގަވާއިދަށެވެ.

”ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރޭ އެއްޗެއްހި ގެންގުޅުމާއި އެތެރެކުރުމުގެ އުސޫލުތަކުގައި ހުރޭ ބައެއް މާއްދާތައް ހިމަނާފައި މި އެއްޗެހި ނައްތާލެވޭނެ ގޮތްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި. އެ ގައުމުތަކުގައި ވެސް އެއްޗެއް ނައްތާލުމަކީ އެންމެ ފަހު އޮޕަޝަން، އެކަން ކުރަނީ އިތުރު ގޮތެއް ނެތިގެން،“ އޭނާ ވިދާޅުވި އެވެ.

”ދިރޭ އެއްޗެހި ނައްތާލުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް އެ އެއްޗެހި ރީ-އެކްސްޕޯޓް ކުރުމާއި އެ ގެނައި ތަނަކަށް ފޮނުވާލުމާއި އެ ކަހަލަ އެކި ގޮތްގޮތަށް އެއަށް އަނިޔާވެރިނުވެ، އެކަން ކުރެވޭނެ ގޮތެއް ބަލަން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ،“ އޭނާގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

”އެހެން ގެންނަން ބައެއް ދިރޭ ތަކެއްޗާއި ގަސްގަހުގައި ވެސް ވަރަށް ބަލިތައް ހުރޭ. އެ އެއްޗެހި ޖެހޭނީ ހަމަ ނައްތާލަން، އެއީ ކިތައްމެ ދެރަވިޔަސް. އޭގެ ސަބަބުން މީހުން ބަލިވެ، ދޫނިތަކާއި އެހެން ދިރުންތަކަށް ފެތުރޭނެ ކަމަށް ޔަގީންވަންޏާ ހަމަ ޖެހިދާނެ ނައްތާލަން.“

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!