ޕީކޭ އާއި ވަކިވެ ޝަކީރާ ސިންގަލް ވެއްޖެ.
ދެންމެ | 03 ޖޫން 2022

ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭ ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އެތައް ދުވަހެއްވެފައިވާ އިރު، ގުޅުމަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީކޭއާ ވަކިވާން ޝަކީރާ ނިންމީ ބޭވަފާތެރިވިކަން ފަޅާއެރުމުންނެވެ. އެގޮތުން ސިއްރިޔާތުގައި ޕީކޭ އެހެން އަންހެނަކާ އެކު ގުޅުންތަކެއް ހިންގަމުންދާ ކަމަށްވެ އެވެ. އަދި ވަރަށް ގިނަ ފަހަރު މަތިން ޝަކީރާ އަށް އެ އަންހެން މީހާއާ އެކީ ޕީކޭ އުޅޭ ތަން ވެސް ފެނިފައިވާ ކަމަށްވެ އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޕީކޭގެ މި ސިއްރު ފަޅާއެރުމުން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ޝަކީރާ މިހާރު ވަނީ ޕީކޭއާ އެކީގައި އުޅުން ހުއްޓާލައި އެޕާޓްމަންޓް ވެސް ބަދަލުކޮށްފަ އެވެ.

ޝަކީރާ، 45، އާއި ޕީކޭ، 35، ރައްޓެހިވީ 2011 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 9، އާއި ސާޝާ ޕީކޭ މެބާރަކް، 7، އެވެ.

ޝަކީރާ އާއި ޕީކޭ ވަކިވިކަމުގެ އަޑުތައް މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން ދިޔަޔަސް މިކަމާ ބެހޭ ގޮތުން އެ ދެ މީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ގުޅުން ނިމުމަކަށް އައިކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!