ކާބޯތަކެތީގެ ބިލް ރައީސް ތަސްދީގް ކުރައްވައިފި
ދެންމެ | 23 މެއި 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ގާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖޭން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގަ އާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ކާބޯތަކެއްޗަކީ އިންސާނުން ބޭނުން ކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަން ޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ނުވަތަ ރައްކާކުރާ ނުވަތަ ގުދަންކުރާ ނުވަތަ ގަނެ ވިއްކާ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލާ ނުވަތަ ފޯރުކޮށްދޭ ތަންތަނުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި އެފަދަ ތަންތަން ހިންގުމުގެ ހުއްދަ ދިނުމުގެ އުސޫލުތައް ބަޔާންކުރުމާއި ކާބޯތަކެތި އުފައްދާ މީހުންނާއި ތައްޔާރުކުރާ މީހުންނާއި ބަންދުކުރާ މީހުންނާއި އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމާއި ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖޭން އެކްސްޕޯޓުކުރާ އަދި ރާއްޖޭގައި އުފައްދާ އަދި ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.

ރައީސް މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ބިލު ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށޭނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!