މާތް ﷲ އަށް އީމާންވުމަކީ ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމެވެ. އަދި އެއިލާހުގެ ރުބޫބިއްޔަތަށް އިންކާރުނުކުރުމެވެ. ﷲ ނޫން އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ. ހަމައެހެންމެ އެންމެ ރިވެތި ނަންފުޅުތަކާއި ސިފަފުޅުތައް ﷲއަށް ލިބިވޮޑިގެންވާ ކަމަށް ޤަބޫލުކުރުމެވެ. މާތް ﷲއަށް އީމާންވުމުގައި މި ހަތަރު ކަމަށް އީމާންވުން ލާޒިމުކުރެއެވެ. މިއިން އެއްވެސް ކަމަކަށް ގަސްތުގައި އިންކާރުކޮށްފި މީހާ ދީނުން ބޭރުވާ ހުއްޓެވެ.
ސަލާމަތް ކޮންމެ ބުއްދިއެއް މާތް ﷲ ވޮޑިގެންވާ ކަމަށް ހެކިވާނެއެވެ. އޭނާގެ ވަށައިގެން ފެންނަން ހުރި ކޮންމެ ކަމެއް ދަލީލު ކުރަނީ އެ ކަމެއް މެދުވެރިވި ސަބަބެއް އޮންނާނޭ ކަމެވެ. ހިނގާ ކޮންމެ ހާދިސާއަކަށް ސަބަބެއް އޮންނާނެއެވެ. އުފެދިފައި ހުރި ކޮންމެ އެއްޗަކަށް އުފެއްދި ފަރާތެއް ވާނެއެވެ. އެއްވެސް އެއްޗެއް އަމިއްލަ އަށް އުފެދުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. {أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ} (އައްޠޫރު: 35) މާނައީ: ”އަދި ކިއެއްތަ! ހެއްދެވިފަރާތެއް ނެތި އެއުރެން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، އެއުރެން ހެއްޔެވެ؟“
ރުބޫބިއްޔަތަކީ ﷲއަށް އެކަނި މިލްކުވެގެންވާ ކަމެކެވެ. ކައުނު އުފެއްދެވުމާއި އެ ކައުނުގައި މަޚްލޫޤުން ލެއްވުމާއި އެ މަޚްލޫޤުންނަށް ބޭނުންޖެހޭ ހުރިހާ އެއްޗަކާއި ކަމެއް އެ ތަނުގައި ލެއްވުމެވެ. އެއްވެސް ކަމެއް އުނިވުމެއް ނެތި ފުރިހަމައަށް ހުރުމެވެ. އެއްވެސް ކަމެއް ލަސްވުމެއް ނެތި ވަގުތަށް ހިނގުމެވެ. މި ހުރިހާ ކަމެއް މި މަގުން ތަކުރާރުކޮށް ހިނގާނޭ ގޮތް އެކަލާނގެ މެދުވެރި ކުރައްވައިފައި ވަނީ އިތުރު އެއްވެސް ފަރާތެއްގެ ބައިވެރިވުމަކާ ނުލައެވެ. {إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ} (ޔޫނުސް: 4) މާނައީ: ”ހަމަކަށަވަރުން، ނެތުމުގެ ތެރެއިން ޚަލްޤުތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ ޚަލްޤުތަކުން އިޢާދަކުރައްވަނީ، އެކަލާނގެއެވެ.“
އެއްވެސް ބައިވެރިއެއްގެ އެހީއަކާ ނުލައި މަޚްލޫޤުން އުފެއްދެވި އިލާހަށް އަޅުކަން ކުރުމުގައި އެހެން ފަރާތެއް ބައިވެރިކޮށްގެން ނުވާނެއެވެ. އުލޫޙިއްޔަތަށް އީމާންވުމަކީ އެއީއެވެ. އެއިލާހާ އެއް ސަފެއްގައި އެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ. އެދޭ ހުރިހާ ކަމެއް އެންމެ ފުރަތަމަ ދެންނެވޭ ފަރާތަކީ ﷲކަމުގައި ހެދުމެވެ.
މާތް ﷲއަށް ދުޢާކުރުމުގައި އެކަލާނގެ އަށް ލިބިވޮޑިގެންވާ ރިވެތި އިސްމުފުޅުތަކާ ސިފަފުޅުތައް މެދުވެރިކޮށް ދެންނެވުމީ ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުމެވެ. އެފަދައިން ދުޢާކުރުމަށް އެކަލާނގެ ވަނީ އަންގަވައިފައެވެ. ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. ”އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެން ވަނީ، ﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ!“