ދުނިޔެ ބަދަލުކޮށްލި ސްމާޓް ފޯނާއި އިންޓަރނެޓް.
ދެންމެ | 03 ޖޫން 2022

ސްމާޓްފޯނު ތައާރަފްވުމުގެ ކުރިން އަހަރެމެންނަކީ އެއާނުލާ ދިރިއުޅުމުގެ ދުވަސްތައް ހޭދަކޮށްފައިވާ ބައެކެވެ. ނަމަވެސް މިހާރު ސްމާޓްފޯނަކީ ދިރިއުޅުމުގެ އެއްބައިކަމަށްވާއިރު ފޯނު ބޭނުންނުކޮށް ދިރިއުޅުން ސިފަކުރާނެގޮތް ހިތަށް ގެންނަންވެސް އުނދަގުލެވެ. އެންމެ ފުރަތަމަ ސްމާޓްފޯނު ތައާރަފުވެގެން ދިޔައީ މީގެ 30 ވަރަކަށް އަހަރު ކުރިންނެވެ.

1992 ވަނަ އަހަރު އުފެއްދި މިފޯނު އާއްމުންނަށް ވިއްކަން ފަށައިފައިވަނީ 1994 ވަނަ އަހަރުއެވެ. އޭރު އުފެދުނު ސްމާޓްފޯނުގައި މަދު ފީޗަރތަކެއް ހުރިކަމުގައިވިޔަސް އާއްމުންގެ ތެރޭގައި އެފޯނު ވަރަށް މަޝްހޫރުވެގެން ދިޔައެވެ. ޓަޗް ސްކްރީން ހިމެނޭގޮތަށް އިންނަ މިފޯނަކީ ‘ސައިމަން ޕާސަނަލް ކޮމިއުނިކޭޓަރ’ ކިޔާ ފޯނެކެވެ. މިފޯނުން އީމެއިލް ފޮނުވުމާއި، ފެކްސް ފޮނުވުމާއި، ކަލަންޑަރ، އެޑްރެސްފޮތް އަދި އެޕޮއިންޓްމެންޓް ޝެޑިއުލް ކުރެވޭގޮތަށް ހުރެއެވެ.
ކެމެރާއާއިއެކު ފުރަތަމަ ސްމާޓްފޯނު ނެރުނީ ކޮންއިރަކު؟

ސްމާޓްފޯނުގައި ކެމެރާއެއް ހުންނަނަމަ އެއީ ވަރަށް ގަޔާވާ ހިތްހަމަޖެހޭ ކަމަކަށްވިއެވެ. އައު ގަރުނަކަށް މަރުހަބާ ކިއުމާއެކު 2000 ވަނަ އަހަރު ނެރުނު ފޯނު ވެގެންދިޔައީ އެތަކެއް ޒުވާނުންގެ ހިތްތަކުން ޖާގަ ހޯދި ފޯނަކަށެވެ. ލޯބިވެރިންނާ ރަހްމަތްތެރިންނާއި އަދި އާއިލާއާއެކު ފަސޭހަކަމާއެކު ފޮޓޯ ނަގާލެވޭގޮތަށް އުފެދުނު މިފޯނުގެ މަގްބޫލުކަން ވަރަށްވެސް ބޮޑުވެގެން ދިޔައެވެ. މިފޯނަކީ ޖޭ.އެސް.އެޗް 04 ގެ ސީރީސްގެ ފޯނެކެވެ. ހަމައެކަނި ފަހަތުގައި ކެމެރާލާފައި އިންނަ މިފޯނަކީ އެޒަމާނުގައި އެންމެ ގިނަމީހުން ބޭނުންކުރި އެއްފޯނެވެ. 110000 ޕިކްސަލްގެ ކެމެރާއެއް ހުރެއެވެ.

 

އެންމެފުރަތަމަ އިންޓަނެޓާއި ގުޅާލެވޭގޮތަށް ފޯނު ނެރުނީ ކޮންއިރަކު؟

އެތައްބަޔަކު އުންމީދު ކުރަމުންދިޔައީ އިންޓަނެޓާއި ގުޅާލެވޭގޮތަށް ބާޒާރަށް ފޯނެއް ނެރޭނެ އިރަކަށެވެ. ގިނަ ބައެއްގެ އުންމީދު އާވެގެންދިޔައީ 2001 ވަނަ އަހަރު ނެރުނު 3ޖީއާ ގުޅާލެވޭގޮތަށް އުފެދުނު ފޯނުންނެވެ. ސްމާޓްފޯނު ބޭނުންކުރާ މީހުންނަށް މުޅިން އާދުނިޔެއަކަށް ލޯހުޅުވައިދިން މިފޯނުގެ ސަބަބުން އެތައް ފަސޭހަތަކެއް ވެގެންދިޔައެވެ. ފޯނުން ނުގުޅޭ ޒަމާނުގައި ރައްޓެހިންނާއި އާއިލާއަށް މެސެޖު ފޯރުކޮށްދީ އުޅުނީ ސިޓީގެ ޒަރިއްޔާއިން ކަމުގައިވިޔަސް މިހާރު ވަގުތުން ވަގުތަށް މެސެޖު ފޯރުކޮށްދިނުމުގެ ފަސޭހަވެސް ލިބިގެންދިޔައެވެ.

 

ފުރަތަމަފަހަރަށް ބާޒާރުގައި އައިފޯނު ލިބެންފެށީ ކޮންއިރަކު؟
އެތައްބައެއްގެ މެދުގައި މަގުބޫލުކަން އާވެގެންދިޔަ އައިފޯނު ފުރަތަމަ ފަހަރަށް ބާޒާރަށް ނެރުންވެގެން ދިޔައީ މުޅިން ތަފާތު ކަމަކަށެވެ. 2007 ވަނަ އަހަރަކީ ސްމާޓްފޯނުގެ ތެރެއިން ވަރަށް ކާމިޔާބު އަހަރެކެވެ. ސްޓީވްޖޮބް އާއި އޭނާގެ ޓީމުން ކުރި ބުރަ މަސައްކަތް ވެގެންދިޔައީ ވަރަށް ކާމިޔާބު މަސައްކަތަކަށެވެ. ފުރަތަމަފަހަރަށް އާއްމުންގެ ތެރެއަށް އައިފޯނު ތައާރަފުވެގެންގޮސް އެފޯނުގެ ފަސޭހަކަން ތަޖުރިބާ ކުރެވުނެވެ. ވެބްބްރޯޒް ކުރެވޭ މިފޯނުގެ ސަބަބުން އެތައް ފަސޭހަތަކެއް ލިބިގެން ދިޔައެވެ. ފޯޖީގެ ޚިދުމަތް ތައާރަފު ކުރެވުނު މިފޯނުގެ ބެޓެރި 8 ގަޑިއިރަށް ހިފަހައްޓައެވެ.

 

ސެކިއުރިޓީ ފީޗަރއެއްގެ ގޮތުން ފިންގަރ ޕްރިންޓް ބޭނުންކުރެވުނީ ކޮންއިރަކު؟
2007 ވަނަ އަހަރު ފުރަތަމަފަހަރަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އުފެއްދި ފޯނަކީ ތޮޝިބާ ބްރޭންޑް ޖީ600 އަދި ޖީ900 އެވެ. ނަމަވެސް މިފޯނަކީ ބާޒާރުގައި ވިއްކަން ނެރެފައި ނުވާ ފޯނެކެވެ. އެހެންނަމަވެސް 2011 ވަނަ އަހަރު ފިންގަރޕްރިންޓް ފޯނެއްގެ ގޮތުގައި މޮޓޮރެލާ އެޓްރިސް ކިޔާ ފޯނެއް ބާޒަރަށް ނެރުނެވެ.

ސްމާޓްފޯނުގެ އެތައް ފީޗަރއެއް ހިމެނި ‘ޔޫސަރ ފްރެންޑްލީ’ ފޯނުގެ ގޮތުގައި ގިނަބަޔަކު ގެންގުޅޭ އެއްފޯނަކީ ސެމްސަންގ އެވެ. ސެޕްޓެމްބަރ 2021 ގައި އެންމެ ގިނައިން ވިކިފައިވަނީވެސް ސެމްސަންގ އެވެ. އެވްރެޖުގޮތެއްގައި %27.55 ގެ ސެމްސަންގ ފޯނު ވިކިފައިވާއިރު، %26.75 އާއިއެކު ދެވަނައަށް އެންމެ ގިނައިން ވިކިފައިވަނީ އެޕަލްއިން ނެރެފައިވާ އައިފޯނެވެ. 15 ޕޮއިންޓް ދަށުން އަދި %11.51 ގެ ގޮތުގައި ވިކިފައިވަނީ ޒިއޯމީ ބްރޭންޑުގެ ފޯނެވެ.

ނޮކިއާއަކީ 15 ވަނައަށް އެންމެ ކުރިހޯދާފައިވާ އަދި ހަމައެފަދައިން އެޕަލް އާއި ސެމްސަންގ އުފެދުމުގެ ކުރިން އެންމެ ގިނައިން ވިކިފައިވާ އަދި އެންމެ މަޤުބޫލު އެއް ފޯނު ކަމުގައި ހިމެނިފައިވާ ފޯނެވެ. ޒަމާންތަކެއްވަންދެން ނޮކިއާ އަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއްފޯނެވެ. ނޮކިއާ 3310 ސީރީސްގެ 126 މިލިއަން ފޯނު ވިކިފައިވެއެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ނޮކިއާ 1280 ސީރީސްގެ 100 މިނިއަން ފޯނު ވިކިފައިވެއެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!