ސޯލާ އާއި ބެޓަރީން ދުއްވާނެ ފެރީ ބަންނަނީ.
ދެންމެ | 03 ޖޫން 2022

އިއާދަކުރަނިވި ހަކަތައިން އޮޕަރޭޓްކުރާ ޕެސެންޖަރ ފެރީއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ސޯލާ ހަކަތައާއި ބެޓެރީ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ޑިޒައިންކޮށް، ބަނުމަށްފަހު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިމަޝްރޫއަށް މާލީ އެހީތެރިކަން ދޭނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުން އަންނަ ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުންކަމަށެވެ.

މީގެކުރިން އެންވަޔަރަމަންޓް މިނިސްޓްރީންވެސް ވަނީ ސޯލާ ހަކަތަ ބޭނުންކޮށްގެން ދުއްވާ ކަޓަމަރާން ޕެސެންޖާ ފެރީއެއް ހޯދަން އިއުލާންކޮށްފައެވެ. ނަމަވެސް ފިނޭންސުން ކުރި އިއުލާންގައި ބުނީ، ކުރީގެ އިއުލާން ބާތިލުކޮށް، އަލުން ބީލަމަށް ހުޅުވާލާފައިވާކަމަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކުންފުނިތަކަކަށެވެ. އެގޮތުން މިދިޔަ 3 އަަހަރުގެ ތެރޭގައި 6.1 މިލިއަން ރުފިޔާ ނުވަތަ 4 ލައްކަ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކުންފުންޏަކަށް ވާންޖެހެއެވެ. އަދި މިދިޔަ ފަސް އަހަރުތެރޭގައި މިފަދަ 2 ޕްރޮޖެކްޓެއް ނިންމާފައިވާ ފަރާތަކަށްވެސް ވާންޖެހޭކަމަށް އިއުލާންގައިވެއެވެ،

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައިގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީކުރަންޖެހޭއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖުލައިގެ ހެނދުނު 11:00އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!