ކޭޕާކް ޖަރީމާ؛ ސަރުކާރާއި އެޗްޑީސީގެ އިހްމާލުން އެތައް ބަޔަކު ގޮތް ހުސްވެފަ!
ދެންމެ | 26 މެއި 2024

ހުޅުމާލޭގައި ހަންބޯ ކުންފުނިންގ ތަރައްގީ ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓް ބިލްޑިންގ ކޭޕާކުން އަގު ބޮޑުކޮށް އެޕާޓްމެންޓް ގަތް އެތައް ބަޔަކަށް ވަނީ ލަނޑުލިބި ހަދާނެ ގޮތް ހުސްވެފަ އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމެންޓްތައް ވިއްކުމުގައި މަކަރާ ހީލަތް ހަދާ އެންމެ އެޕާޓްމެންޓެއް އެތައް ފަރާތަކަށް ވިއްކާފައިވާ މައްސަލާގައި ހަންބޯ ކުންފުނީގެ އެއް ހިއްސާދާރުގެ މައްޗައް އެތައް ދައުވާއެއް އުފުލާ އޭނާގެ މުދާ ކޯޓުން ވަނީ ހިފަފައްޓާފަ އެވެ.

ހުޅުމާލެގައި ތަރައްގީ ކުރާ ދިރިއުޅުމަށް އިމާރާތްކުރާ އެޕާޓްމެންޓް ބިލްޑިންގްތައް ރެގިއުލޭޓް ކުރާ ފަރާތަކީ  އެޗްޑީސީ ކަމަށްވާއިރު ކޭޕާކް ތަރައްގީ ކުރާ ހަމްބޯ ކުންފުނިންގ މި ބޮޑު ޖަރީމާ ހިންގާފައިވާ އިރު އެޗްޑީސީ އޮތީ ނިދާފަ ތޯ އެވެ.

ކޭޕާކުން އެޕާޓްމެންޓްތައް ގަތް އެތައް ބަޔަކު އަތުން އެތައް މިލިޔަން ރުފިޔާ ފޭރިގަނެ ބޮޑު ޖަރީމާ ހިންގައިފައިވާކަން ޔަގީންވެފައިވާތާ އެތައް އަހަރެއް ވެފައިވާ އިރު އިމާރާތް ކުރާ ބިމުގެ ވެރިފަރާތް އެޗްޑީސީ އާއި ސަރުކާރުން މިކަމުގައި އަޅާވެސް ނުލައި ކަހާބިހި ހިރުވާވެސް ނުލަ އެވެ.

ދިރިއުޅުމަށް އެޕާޓްމެންޓް ގަތް އެތައް ބަޔަކަށް މިލިޔަނުން ބަޔަކު ގެއްލުންދީފައިވާ އިރު ސަރުކާރެއް އިހްމާލް މިކަމުގައި އިންތިހާއަށް އެބަ އޮތެވެ. އަދި ރައްޔިތަކަށް މިފަދަ ބޮޑު ކަމެއް ސަރުކާރުގެ އިހްމާލުން ވެފައިވާއިރު އެޗްޑީސީން މިކަމުގައި ހަނު ތިބެނީ ކީއްވެ ތޯ އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެޗްޑީސީން ލަގްޒަރީ އެޕާޓްމެންޓް އިމާރާތް ކުރަން ހަވާލުކުރި ކުންފުންޏަކަށް އިތުބާރުކޮށް އެޕާޓްމެންޓް ގަތް އެތައް ބަޔަކަށް ލަނޑުލިބި އެޕާޓްމެންޓް ލިބޭނެ ކަމާއި މެދު ސުވާލު އުފެދިފައިވާ އިރު މިއަދު އެޗްޑީސީ ފިލައިފި އެވެ.

އެޗްޑީސީގެ އިހްމާލުން ކޭޕާކްގެ ވެރިން ބޮޑު ޖަރީމާއެއް ހިންގުމަކީ އެޕާޓްމެންޓް ގަތް ފަރާތްތައް އެކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމެއް ނޫނެވެ. ސަރުކާރެއް އޮވެ ގާނޫނާއި ގަވައިދެއް ހަދައި އަމަލް ކުރަނީ ވަލުގަޖަވާރުންގެ ޖަންގަލީ ގާނޫނު ތަންފީޒު ނުކުރުމަށެވެ.

މި ބޮޑު ޖަރީމާ ފުލުހުން ތަހްގީގް ކުރަމުންދާތާ އެތައް އަހަރެއްވެފައިވާ އިރު މިކަމުން ގެއްލުން ލިބުނު ފަރާތްތައް އަދިވެސް ތިބީ ވާނުވާ ނޭނގި ގޮތް ހުސްވެފަ އެވެ.

ކޭޕާކުން އެޕާޓްމެންޓް ގަތް ފަރާތެއް ބުނީ އޭނާ އެތަނަށް ފައިސާ ދައްކައިގެން އެޕާޓްމެންޓްގެ އިންތިޒާރުގައި މިހާރު 7 އަހަރު ދުވަސްވެފައިވާ ކަމަށެވެ.

“ ހަގީގަތުގައި މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރާއި އެޗްޑީސީން. އަޅުގަނޑުމެން މިފަދަ ހާލަތަކަށް ވައްޓާލި ބަޔަކީ އެޗްޑީސީން. އެމީހުން ރަގަޅަށް ރެގިއުލޭޓް ނުކުރުމުގެ ހިތި ނަތީޖާ އެތައް ރައްޔިތުންނެއް ތަހައްމަލް ކުރަމުން މިދަނީ.“ އޭނާ ބުންޏެވެ.

އޭނާ ބުނީ ކޭޕާކުން އެޕާޓްމެންޓެއް ގަތުމަށް ދެއްކި ފައިސާ އަކީ އެއާއިލާގެ އެތައް ދުވަހެއް ވަންދެން އެޕާޓްމެންޓެއް ގަތުމަށް ރައްކާ ކުރިފައިސާ ކަމަށެވެ.

“ މިހާރު މިކަމުގައި ނޭނގެ ހަގީގަތުގައި ވާނުވާއެއް. މިކަމުގައި ނުދާ ސަރުކާރުގެ އޮފީހެއް ނުހުންނާނެ. އެޗްޑީސީއަކުން ޖަވާބެއް ނުލިބޭ.“ އޭނާ ބުންޏެވެ.

ފުލުހުން މިމައްސަލަ ތަހްގީގް ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު އެޕާޓްމެންޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް އެޕާޓްމެންޓް ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އެޗްޑީސީން މިކަމުގެ ފުރިހަމަ ޒިންމާނަގައި ކޭޕާކް ގަތް ފަރާތްތަކަށް ފުރިހަމަ ބަދަލެއް ދޭން ޖެހެ އެވެ. މި ޖަރީމާގައި އެޗްޑީސީ 100 ޕަސެންޓް އިހްމާލް އެބަ އޮތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!