ސައިޒު ރަގަޅު ބުރާއެއް ނޫން ނަމަ ގެއްލުން ވާނެ.
ދެންމެ | 03 ޖޫން 2022

އުރަމަތީގެ ކެންސަރަކީ މިހާރަކަށް އައިސް އާންމުވަމުން އަންނަ ބައްޔެކެވެ. މިއީ އަންހެނެއްގެ އެންމެ މުހިއްމު އެއް ގުނަވަން ކަމަށްވެފައި ރައްކާތެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެންމެފުރަތަމަ ކަމަކަށް ހެޔޮވަރު ސައިޒެއްގެ ’ބުރާ‘ އެއް ހޯދުމަކީ ކިހާ މުހިއްމު ކަމެއްތޯ އާއި، މިކަމަށް ހޭލުންތެރިވާންޖެހެނީ ކިހާވަރަކަށްތޯ ބަލަންޖެހެއެވެ. މިކަމަށް ސަމާލުކަން ނުދޭ މީހުންވެސް އުޅެއެވެ. އާއްމުން މިކަމަށް ހޭލުންތެރިކުރުވަން އެބަޖެހެއެވެ.

ހެޔޮވަރު ސައިޒެއްގެ ބުރާ ނޭޅުމަކީ ބައެއް މީހުންނަށް އުދަގޫވާ ކަމެއް ކަމަށް ބުނެއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް ސިއްހީގޮތުން މިކަމުން ލިބޭ ގެއްލުން މާބޮޑެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 80 އިންސައްތަ މީހުންނަކީ ރަނގަޅު ނޫން ސައިޒެއްގެ ބުރާ އަޅާ މީހުންނެވެ. އޭގެ ތެރެއިން 70 ޕަސެންޓު މީހުން އަޅަނީ އުރަމަތީގެ ސައިޒަށްވުރެ ކުދި ބުރާއެވެ. 10 ޕަސެންޓް މީހުން ބުރާއަޅަނީ އުރަމަތީ ސައިޒަށްވުރެ ބޮޑުކޮށެވެ.

ރަނގަޅު ސައިޒުގެ ބުރާ ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. އެހެންނަމަވެސް ގިނައިރު ބުރާ އަޅައިގެން އުޅުމުގެ ސަބަބުން އުދަގޫވެ މޭދަށަށް ތަދުވެ އެތަނުގައި އިންނަ ކަށިގަނޑާއި ދިމާލުގައި ރިއްސަނީ މިސަބަބަށްޓަކައެވެ. މާބާރުކޮށް ބުރާ އެޅުމުގެ ސަބަބުން ނޭވާލާން އުދަގޫވެ ހާސްވާގޮތްވެސް ދިމާވެއެވެ. މާބޮޑަށް ދޫކޮށް ބުރާއެޅުމުގެ ސަބަބުން އުރަމަތި އެލޭގޮތްވާން ދިމާވެއެވެ. ބުރާ ހަލާކުވެ ނުވަތަ އޭގައި ހުންނަ ރަބަރު ދޫވުމުން އެ ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ރަނގަޅު ސައިޒުގެ ބުރާ ނޭޅުމުން ދިމާވާ ސިއްހީ މައްސަލަތައް:

އުރަމަތީގައި ރިއްސުން:

އުރަމަތީގައި ރިއްސާ ގިނަ މީހުންނަކީ ހެޔޮވަރު ނޫން ސައިޒުގެ ބުރާ އަޅައިގެން އުޅޭ މީހުން ކަމަށްވެއެވެ. މީގެތެރޭގައި ސައިޒަށްވުރެ ބޮޑުކޮށް ބުރާއެޅުން ހިމެނެއެވެ. ކަސްރަތު ކުރާއިރު އޭގެ ސަބަބުން އުރަމަތީގައި ރިއްސާގޮތް ދިމާވެއެވެ. މިނޫނަސް އުރަމަތީގައި ރިއްސާ އެހެން ސަބަބުތައްވެސް ހުރެއެވެ. އޭގެތެރެއިން މައްސަރު ދުވަސްވަރާއި މާބަނޑުދުވަސްވަރު އަދި ހަމަ ކުޑަދަރިފުޅަށް ބުއްދޭ ދުވަސްވަރު ބައެއް ފަހަރަށް އުރަމަތީގައި ރިއްސާގޮތް ވެއެވެ.

ބުރަކަށީގައި ރިއްސުން:

އާއްމުގޮތެއްގައި ބުރަކަށީގައި ރިހުމުގެ މައްސަލަ ދިމާވަނީ އުރަމަތި ބޮޑެތިކޮށް ހުންނަ މީހުންގެ އެވެ. އެމީހުންނަށް ހެޔޮވަރު ސައިޒުގެ ބުރާ ހޯދުމުގައި އުދަގޫވެއެވެ. އުރަމަތީގެ ސައިޒާއި ބުރަކަށީގައި އިންނަ ސައިޒަށް ބާރުކޮށް ދޫކޮށް ހޯދަން އުދަގޫވެއެވެ. ކަޕް ސައިޒު ހެޔޮވަރުނަމަ ވާފަށުން ފެށިގެން ބުރަކަށްޓާއި ދިމާލަށް އިންނަ އަޅުވާބައި މާބާރުވެ ނުވަތަ ދޫވާގޮތްވުމުގެ ސަބަބުން އުދަގޫވެއެވެ. އުރަމަތި ބޮޑު ނަމަ ބޮޑަށް ބަލަންވީ ކަޕް ސައިޒަށެވެ. އޭރުން ބުރަކަށިން ހެޔޮވަރުކުރަން ފަސޭހަވެގެންދާނެއެވެ. އެހެންނޫންނަމަ ބުރަކައްޓައް ބަރުވެ އުދަގޫވެގެންގޮސް ބުރަކަށީގައި ރިއްސަން ފަށައެވެ.

ކޮނޑުގައި އަދި ކަނދުރާގައި ރިއްސުން:

އުރަމަތި ބޮޑުކޮށް ހުންނަނަމަ ބުރާގެ ވާގަނޑު ފުޅާކޮށް ހުންނަ ވައްތަރެއް ހޯދުމަށް ސަމާލުކަންދޭށެވެ. އަދި ހަމަ އެހެންމެ އަޅުވަން އިންނަ ބުޅިގަނޑާއި ދިމާލުންވެސް ފުޅާކޮށް ހުންނަ އެއްޗެއް ހޯދާށެވެ. އޭރުން ބެލެންސްވެ އުރަމަތީގެ ބަރު އެއްވަރެއްގައި ހިފެހެއްޓިގެންދެއެވެ. އޭރުން ކޮނޑާއި އަދި ކަނދުރާގައި ރިއްސާރިއްސުން ކުޑަވެގެންދެއެވެ.

ހަންގަނޑު ރަތްވެ ނުވަތަ ހަލާކުވުން:

ބުރާ އަޅާފައި ހުންނައިރު މާބޮޑަށް ބާރުނަމަ ހަންގަނޑަށް އެކަމުގެ އަސަރު ކުރެއެވެ. ހަންގަނޑު ކުރަލާފައި ނުވަތަ ރަތްވެ އަދި ހަލާކުވެފައި ހުރެއެވެ. ބުރާ އަޅާދިމާލުގައި މާކެއްހެން އެނގެން ހުރެއެވެ. އަދި ހަމައެހެންމެ މާރކްވެސް ލާން ފަށައެވެ. ހަންގަނޑަށް ވާންވުމުގެ ސަބަބުން މިހެންދިމާވެއެވެ.

އުރަމަތި އެލޭގޮތްވުން ނުވަތަ އުމުރުން ދުވަސްވީ ކަމަށް ދެއްކުން:

ބުރާ އަޅަނީ އުރަމަތީގެ ބައްޓަން ރީތިކޮށް ބެހެއްޓުމަށާއި މައްޗަށް ހިއްލިފައި ބެހެއްޓުމަށެވެ. މާބޮޑަށް ދޫކޮށް ބުރާއަޅަން ފަށައިފިނަމަ އުރަމަތީގެ އެއްބައި އިންނާނީ ރަގަޅަށް ނުހިފެހެއްޓިއެވެ. އެކަމުގެ ސަބަބުން އެއްވެސް ހިފެހެއްޓުންތެރިކަމެއް ނީދެއެވެ. އެހެންވުމުން ސަބަބުން މަޑުމަޑުން އުރަމަތި އެލެން ފަށައެވެ. އެހެންގޮސް އުރަމަތީގެ ބައްޓަން ގެއްލި އުރަމަތި ހަޑިވާން ފަށައެވެ.

ހަށިގަނޑު ސޮހިފައި ނުވަތަ ސީދާ ނުވެ ހުރުން:

ރަނގަޅު ނޫން ސައިޒުގެ ބުރާ އެޅުމުން ބުރަކަށި، ކޮނޑު އަދި ކަނދުރާއަށް ބާރުލެވި ރިއްސަން ފެށުމުން ހަށިގަނޑުގެ އެކި ދިމަދިމާލަށް ބާރުލެވުމުން ހަށިގަނޑުގެ ސީދާކަން ގެއްލެން ފަށައެވެ.

ރަނގަޅު ސައިޒުގެ ބުރާއެއް ހޯދުމުގައި ސަމާލުކަންދޭންވީ ކަންކަން:

މެޝަރިންގް ޓޭޕަކުން އުރަމަތީގެ ވަށަމިން އަމިއްލައަށް ބަލާލާށެވެ. އެއަށްފަހު ބުރާގެ ސައިޒުތަކުން އެންމެ ކައިރި ސައިޒަކަށް ބުރާ ގަންނާށެވެ. އޭގެ މާނައަކީ މިސާލަކަށް އުރަމަތީގެ ވަށައިގެން 31 އިންޗި ހުރިނަމަ ބުރާ ސައިޒު 32 ގަންނާށެވެ. ބުރާގެ ވާގަނޑު މާބޮޑަށް ބާރުނަމަ ދޫކޮށްލާށެވެ. އަތުން ހެޔޮވަރު ކޮށްލުމަށްފަހު މާބޮޑަށް ބާރު ނުވާނެހެން ބަލާށެވެ. އެއަށްފަހު ކަޕް ސައިޒު ބަލާށެވެ. މެޔާއި ދިމާލުން އުރަމައްޗަށް އިންނަ މިން ބަލާލުމަށްފަހު ކަޕްސައިޒު ހެޔޮވަރު ކޮށްލާށެވެ. އެދިމާލުގައި 1 އިންޗި އިންނަނަމަ އެއީ އޭ ކަޕްއެވެ. 2 އިންޗި އިންނަނަމަ އެއީ ބީ ކަޕެވެ. މިގޮތަށް މިނުން ބަލައިގެން ހެޔޮވަރު ސައިޒެއް ހޯދާށެވެ. ނޫންނަމަ ބުރާ ފިހާރައަކަށްގޮސް ޕްރޮފެޝަނަލް މީހެއްގެ ލަފާ ހޯދާށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!