ގާނޫނު ހަދާނީ ވަކި މީހަކަށް ނޫން ރައްޔިތުންނަށް: ލީޑަރ ފަލާޙް
ދެންމެ | 29 މެއި 2024

އިއްޔެ ހުވާކުރެވިގެން ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަކި މީހަކަށް އަމާޒުކޮށްގެން ގާނޫނު އަސާސީއަށް ބަދަލުނުގެންނާނެ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މެންބަރުކަމުގެ ހުވާ ކުރުއްވުމަށް ފަހު މަޖިލީހުގެ ގޯތި ތެރޭގައި ހުންނަވާ ”ދެންމެ“ އާ ވާހަކަ ދައްކަވަމުން 18 ވަނަ މަޖިލީހުގައިވެސް މެންބަރުކަންވެސް ކުރެއްވި ފަލާހު ވިދާޅުވީ މީގެ ކުރިން މަޖިލީސްތަކުގައި ކަންކަން ކޮށްފައި އޮތް ގޮތާ ހިލާފަށް 20 ވަނަ މަޖިލީހުން ތަފާތު ދައްކާނެ ކަމަށެވެ. ހުރިހާ ނިންމުމެއް ނިންމާނީ ރައްޔިތުންނަށާއި ގައުމަށް ފައިދާހުރި ގޮތަށް ކަމަށް ވިދާޅުވި އެވެ.

 

”ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ގާނޫނަކަށްވިޔަސް ގަވައިދަކަށް ވިޔަސް ގެނެވޭ އެއްވެސް އިސްލާހެއް ގެންނާނީ ރައްޔިތުންނަށާއި މި ގައުމަށް ފައިދާހުރި ގޮތަށް. ގާނޫނީ އަސާސީއަށް ބަދަލެއް ނުގެންނާނަން ވަކި މީހަކަށް އަމާޒުކޮށެއް“

 

ފަލަހު ވިދާޅުވީ ސަރުކާރުގެ ތާއިދާ އެކު އަލަށް މަޖިލީހަށް ހޮވިވަޑައިގެންނެވި ހުރިހާ މެންބަރުންނަކީ، ގައުމީ ރޫހުގައި، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން  ދޭ ވިސްނުމުގައި ތިއްބެވި މެންބަރުން ކަމަށެވެ.

”…ރާއްޖޭގައި އިންތިހާބުވި މަޖިލީސްތަކުގެ ތެރޭގައި އެންމެ އުފެއްދުންތެރި އެންމެ ގައުމަށް ފައިދާހުރި ލާބައާއި މަންފާހުރި މަޖިލީހަށްވެގެން ދާނީ“ ފަލާހު ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގައި ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަންވެެސް ކުރެއްވި ފަލާހު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރުކަން ރައީސް ޑރ މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވީ ވަރަށް ބޮޑު އިތުބާރެއްގެ މައްޗަށް ކަމަށްވާއިރު އެ އިތުބާރު ދަމަހައްޓާނެ ކަމަށެވެ.

އަދި ޕީޖީ ގްރޫޕުގައި، މައްސަލަތައް ދިމާނުވާނެހެން ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. ދެއްވި ޔަގީންކަމަކީ އެފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމެވެ.

”މިހާތަނަށް ބަލާއިރު 1000 ޕަސެންޓް ޔަގީން އެއްވެސް މައްސަލައެއް ނެތި 2028 ރިޔާސީ އިންތިހާބާ ހަމަޔަށް މި ޕާލަމެންޓްރީ ގްރޫޕާ އެކު މަސައްކަތް ކުރެވޭނެކަން“ ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގައި 75 މެންބަރުން ޕީއެންސީ ތަމްސީލުކުރައްވަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!