ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މިމަހު ލިބުނު ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބައެއް ޝަކުވާ ސޯޝަލް މީޑިއާގައި ވަނީ އުފުލައިފަ އެވެ. މީގެ ކުރިން އެންމެ ހޫނުގަދަ މަސްމަހު ނާރާ މިންވަރަށް ބިލުތަކުގެ އަދަދު އުފުލިފައިވާކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން އެކުންފުންޏަށްވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. ބިލުތައް ބޮޑުވީ އެ ސަބަބާއި ހުރެކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިދިޔަ ތިން ހަފްތާއެއްހާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ އެވެ. އާންމުކޮށް ބިލުތައް ބޮޑުވަނީ ހޫނުގަދަ ދުވަސްވަރުކަމަށް ސްޓެލްކޯއިން ބުނާތީ އާންމުން ވަނީ މިމަހުގެ ކަރަންޓު ބިލާއިމެދު ސުވާލު އުފައްދައިފަ އެވެ.
އެހެންނަމަވެސް އެކުންފުނިން ބުނީ މިމަހު ފޮނުވި ކަރަންޓު ބިލުގައި ހިމަނާފައިވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރުގެ ރީޑިން ނޫންކަމަށެވެ. 45000 އެއްހާ ކަސްޓަމަރުންނަށް ހަމައެކަނި މާލެ ސަރަހައްދުގައި ހިދުމަތް ދޭއިރު ދުވަހުން ދުވަހަށް ރީޑިން ނަގާފައި ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ކަރަންޓު އެއްވެސް ވަރަކަށް ބޭނުން ނުކުރާ ތަންތަނަށްވެސް ބޮޑެތި ބިލުތައް ފޮނުވާފައިވާ ކަަމަށް ބުނެފަ އެވެ. އެހެންނަމަވެސް ސްޓެލްކޯއިން ބުނީ ބިލުތައް ފޮނުވަނީ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
މިދިޔަ މަހުވެސް ކަރަންޓު ބިލުތައް ބޮޑުވި މައްސަލަ ފެންމަތިވި އެވެ. ރަމަޟާން މަހަށް ދެއްވާނެކަމަށް ރައީސް ވިދާޅުވި ޑިސްކައުންޓު ހިމަނާފައި ނުވާ މައްސަލަވެސް ބޮޑުވި އެވެ. މިމައްސަލަ ބޮޑުވެ ސްޓެލްކޯއިން ވަނީ އާ ބިލުތަކެއް ތައްޔާރުކޮށް ފޮނުވައިފަ އެވެ. އަދި ބޮޑުކޮށް ފޮނުވުނު ބިލުތައް ދެއްކި ފަރާތްތަކަށް މިމަހު ޑިސްކައުންޓު ދޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިދިޔަ ދެ މަހުގެ ބިލަށް ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ވަނީ 61.7 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އެއީ މާޗު މަހު ބިލަކުން އެވަރޭޖްކޮށް 333.14 ރުފިޔާ އެވެ. އަދި އޭޕްރީލް މަހު 656.79 ރުފިޔާ އެވެ.