ސިހްރު ވަނީ އާއްމް ވެފައި، އެއީ ކާފަރުވާ ފަދަ ކުފުރުގެ އަމަލެއް: ހުތުބާ
ދެންމެ | 31 މެއި 2024
ސިހުރުގެ ނުބައި ފާސިދު ޢަމަލު މިއަދު ވަނީ މުޅި މުޖުތަމައަށް އާންމުވެފައިކަމަށާއި މި ކުފުރުގެ އަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތާ ބާ ހާއްސަކޮށްފައިވަނީ ސިހުރުގެ ނުބައިކަން މި މައުޝޫގެ މައްޗަށެވެ.

މިއަދު އަހަރެމެންގެ ތެރޭގައި ފެތުރިފައިވާ ކުށްތަކުގެ ތެރޭގައި، އެ ކުށްތަކަކަށް އަރައިގަތުމުން، ދީނުން ބޭރުވާ ފަދަ ކުށްތައްވާކަން ފާހަގަކޮށް އޭގެ ތެރެއިން އެއްކަމަކީ ސިހުރުކަމަށް ހުތުބާގައިވެެއެވެ. ސިހުރު ހަދާ މީހުންގެ ގާތަށް ގޮސް އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެފައިވާކަަން ހުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނުބައި ފާސިދު އަމަލު މިއަދު ވަނީ މުޅި މުޖުތަމައަށް އާންމުވެފައިވާކަމަށްވެސް ހުތުބާގައިވެ އެވެ.

“ މި ސުންޕާ އަމަލުގެ ސަބަބުން، ބަރުބާދުވެގެން ދަނީ ކިތައް ޒުވާނުންގެ ހަޔާތް ހެއްޔެވެ؟ ވިއްސިވިހާލި ވެގެން ދަނީ ކިތައް ޒުވާނުންގެ އުއްމީދުތައް ހެއްޔެވެ؟ ބަލިވެ، ދުނިޔެ ދޫކުރަމުންދަނީ ކިތައް އަހުންނާއި އުހުތުން ހެއްޔެވެ؟ އަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި އުމުރަށް ވަކިވެ ދަނީ ކިތައް ޢާއިލާ ހެއްޔެވެ؟ މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަވަނީ ކިތައް މީހުން ހެއްޔެވެ؟ މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިހުރުގެ ސަބަބުން.“ މިއަދުގެ ހުތުބާގައި ވެއެވެ.

ސިހުރަކީ ޙަޤީޤަތެއްކަން ބާޔާންކުރަނުން ހުތުބާގައި ވަނީ އޭގެ އެއްބާވަތަކީ، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ އޮޅުވާލުންކަމަށެވެ. އަދި. ސިހުރުގެ އަނެއް ބާވަތަކީ، ކެހިވެރިކަމުގެ ދައްކާލުމެއް ނޫންކަމަށާއި އެއީ މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތެއްކަމަށެވެ.

ސިހުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަން ގުރުއާނުގެ ސަރީޙަ ނައްސުން ޘާބިތުވކަން ފާހަގަކުރަމުން ހުތުބާގައިވަނީ މި ކުފުރުގެ އަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށް ގޮވާލާފަ އެވެ. އަދި ސިހުރުހާހޫރައާ ދުރުހެލިވެ މުސީބާތްތަކުން މިންޖުވުމަށާއި، ބޭނުންވާ ކަންކަމުގައި، އިހްލާސްތެރިކަމާ އެކު މާތް ﷲ ގެ ހަޒުރަތުގައި ދުއާކުރުމަށްވެސް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

”މުސްލިމް އަހުންނޭވެ! ސިހުރާއި، ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ. ދެވަނަ ކަމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުމެވެ. ތިންވަނަ ކަމަކީ ޖިންނި ޝައިާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުމުން. “ ހުތުބާގައިވެ އެވެ.

ސިހުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއްކަމާއި އެކަމުން ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާކަންވާކަން ހުތުބާގައިވަނީ ހަނދާންކޮށްފީފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!