މި ވެލާ ސަލާމަތްކޮށްފައިވަނީ ޕޯޓު ސެއިންޓު ލޫސީ ޕަވަރ ޕްލާންޓު ކައިރިންނެވެ. އެ ވެލާ ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައިވަނީ ފްލޮރިޑާ ފިޝް އެންޑު ވައިލްޑުލައިފް ކޮންޒަރވޭޝަން ކޮމިޝަންގެ ފަރާތުންނެވެ.
އަދި އެ ކޮމިޝަނުން މި ވެލާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ މަޔާމީ ޒޫއަށެވެ. އެ ޒޫގައި ދާދިފަހުންވަނީ ވެލައަށް ހާއްސަ ހޮސްޕިޓަލެއް ޤާއިމްކޮށްފައެވެ.
މަޔާމީ ޒޫއިން މައުލޫމާތުދޭގޮތުގައި މި ވެލާއަށް 50 އަހަރުވެދާނެއެވެ. ބަރުދަނުގައި 175.9 ކިލޯހުރި މި ވެލާ އޮތީ ބިސް އަޅަން ކައިރިވެފައިކަމުން، ހޮސްޕިޓަލުންވަނީ އޭތި ބިސް އެޅޭނެ ގޮތް ހޯދައިދީފައެވެ.
އެގޮތުން ވެލާ ވަނީ 100 ބިސް އަޅާފައެވެ. އެހެންނަމަވެސް އޭގެ ބަނޑުގައި އިތުރަށް ބިސް ހުރުމުން ހޮސްޕިޓަލުންވަނީ އެ ބިސްތައް އޭގެ ބަނޑުން ނަގާފައެވެ.
ވެލައަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފެން ގަނޑުތެރޭ ހަރަކާތްތެރިވުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފާރުގަނޑު ރަނގަޅަށް ފަސޭހަވާނެ ގޮތެއް ހޯދުމަށް ވެލާވަނީ ސަރޖަރީއެއް ހަދާފައެވެ.
މަޔާމީ ޒޫއިން ދެކޭގޮތުން ރަނގަޅު ފަރުވާއާއި ރިހެބިލިޓޭޝަނަށްފަހު މި ވެލާއަށް އަމިއްލައަށް މޫދުގައި އުޅެވޭނެއެވެ. އެހެންނަމަވެސް އަދި އެކަމަށް ދުވަސް ނަގާނެއެވެ.