އިޒްރޭލް ޕާސްޕޯޓް މަނާކުރުމުން އެތައް ބަޔަކު ރާއްޖެ އަންނަން ފޮށި ތަންމަތި ބަދެފި
ދެންމެ | 03 ޖޫން 2024

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާއްމާއި ގުޅިގެން އިސްރާއިލް ޕާސްޕޯޓް އޮންނަ މީހުން ރާއްޖެއައުން މަނާ ކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއެކު ގިނަ ބައެއްގެ ޗުއްޓީ މަންޒިލްގެ ބަކެޓް ލިސްޓަގައި ރާއްޖެ ހިމެނިއްޖެއެވެ.

އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށްޓަކައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް އިއްޔެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިފަދައިން ނިންމާފައިވަނީ އިއްޔެ ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

”އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައި.“

އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބި، ބައިނަލްއަގުވާމީ ނޫސްތަކުންވެސްވަނީ އެ ޚަބަރު ގެނެސްދީފައެވެ. އެގޮތުން، އަލްޖަޒީރާގައި އެ ޚަބަރު ޝާއިރު ކޮށް މީސްމީޑިއާގައި ހިއްސާކުރުމާއެކު، އެ ޚަބަރަށް ކޮމެންޓް ކުރި އެންމެންހެން ވަނީ ރާއްޖޭގެ އެ ނިންމުން ބަލައިގަނެފައެވެ.

އަދި އެ ނިންމުމުން މިސާލު ނަގައި، އެހެން މުސްލިމު ގައުމުތަކުންވެސް އެފަދައިން ނިންމުމަށް ގޮވާލާފައުވާއިރު، އަނެއް ބަޔަކު ވަނީ ރާއްޖޭގެ އެ ނިންމުމުގެ ސަބަބުން އެމީހުންގެ ޗުއްޓީ ބަކެޓް ލިސްޓުގައި ރާއްޖެ ހިމެނުމަށް ނިންމާފައިވާކަމަށާ، ރާއްޖެ އަންނަންވީ ވަގުތު އަތުވެއްޖެ ބުނެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެ ނިންމުމުން ރާއްޖެއަކީ ހަމައެކަނި ރީތި ގައުމެއް ނޫން ކަމަށާ، ރީތި ކަމާއި އެއްވަރަށް ހިތްހެޔޮ ރައްޔިތުން ދިރިއުޅޭ ތަނެއް ކަމަށްވެސް އަނެއް ބަޔަކު ވަނީ ބުނެފައެވެ.

ޕާސްޕޯޓް ބޭން ކުރުމުގެ އިތުރުން ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ:

1. އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމެވުން އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލުން.

2. ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމެވުން.

3. ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން

4. ”ފަލަސްތީނާއިއެކު ދިވެހިން“ މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަންނިންމުން.

5. ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!