ރާއްޖެއަށް އެތެރެ ކުރަނީ ވިހަ ކެމިކަލް މަދުން ހުންނަ ޑީސަލް: އަމުރު
ދެންމެ | 04 ޖޫން 2022

ޚަރަދު ބޮޑުވިނަމަވެސް ރާއްޖެއަށް އެތެރެ ކުރަނީ ވިހަ ކެމިކަލް މަދުން ހުންނަ ޑީސަލް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުކުރު ދުވަހު މިސްރުގައި ކުރިޔަށްދިޔަ އައިއެސްބީޑީ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމުގައި އޭނާ ވިދާޅުވީ ރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެ ކުރާއިރު އިންސާނުގެ ސިއްހަތާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ ކުންފުންޏަކީ އެސްޓީއޯކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީރަށްރަށުގެ އިންޖީނުގެތަކުގައި ބޭނުން ކުރާ ޑީސަލަކީ އޭގައި ސަލްފަރ އެކުލެވޭ އެއްޗެއް ކަމަށްވާއިރު އޭގެ ސަބަބުން އިންސާނުންގެ ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަމަށެވެ. އަދި އޭގެ ސަބަބުން ތިމާވެއްޓަށް ވެސް ގެއްލުންވާ ކަމަށާއި އެހެންވެ ރާއްޖެ އެތެރެ ކުރަނީ އެ މާއްދާ މަދުން ހުންނަ ޑީސަލް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ސަފްފަރ ގިނައިން ހުންނަ ތެލުގެ އަގު ހެޔޮ ކަން ފާހަގަ ކޮށް އަމްރު ވިދާޅުވީ ކުރިން ގެންނަ ތެލުގައި 2.5 އިންސައްތައިގެ ސަލްފަރ އެކުލެވޭއިރު މިހާރު އެތެރެ ކުރާ ތެލުގައި ހުންނަނީ 0.01 އިންސައްތަ ސަލްފަރ ކަމަށެވެ. މި ގެނައި ބަދަލަކީ ޚަަރަދު ބޮޑު ބަދަލެއް ކަމަށް ވެސް އަމްރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެސްޓީއޯއިން ދާދި ފަހުން ހުޅުވި ތެޔޮ ޓެސްޓު ކުރާ ލެބޯޓްރީއާއެކު ހަޑިވެފައި ހުރި ތެޔޮ ރާއްޖޭގައި ނުހުންނާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާތެރިކަން އޮތް ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ މިހާރު ގިނަ ފަރާތްތަކުން ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރާ ކަމަށެވެ. އެގޮތުން އެސްޓީއޯއިން ވެސް ހިދުމަތްތައް ދިނުމުގައި ތިމާވެއްޓާ އެންމެ ރައްޓެހި ގޮތްތަކަށް ހާއްސަ އިސްކަމެއް ދޭ ކަމަށާއި ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އެ ގޮތްތަކަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް