ތިމާގެ ފޯނު ހުޅުވަން ބައިވެރިޔާއަށް ހުއްދަދޭން ބޭނުންވަނީ ވަރަށްމަދު މީހެކެވެ. ބުނަނީ ތިމާ އެންމެންނާއި ކުރާ ހުރިހާ މުޢާމަލާތުތަކެއް ބައިވެރިޔާއަށް އެނެގެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އަހުރެންގެ ވިސްނުން މުޅިން ތަފާތެވެ. ކައިވެނިކުރުމަށްފަހު ދެމީހުންކުރެ އެކަކުވެސް ސިއްރުކުރަންޖެހޭނެ މުޢާމަލާތުތަކެއް ހުރެގެން ނުވާނެއެވެ.
އަނބިމީހާކަމަށްވީނަމަވެސް ފިރިމީހާކަމަށްވީނަމަވެސް އޭނާ ކުރަނީ އޭނާކުރަންޖެހޭ ރަނގަޅު މުޢާމަލާތުތައް ކަމުގައިވާނަމަ އަނެކާއަށް އެނގުމުން ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ. ކުރާނީ ފައިދާއެވެ.
ދިމާވާ އިތުރު މައްސަލައެއްވެސް ބުނެލާނަމެވެ. ބައެއް މީހުން ކޮންމެވެސް ހިލޭ މީހަކާ ނުވަތަ މީހުންނާ މުޢާމަލާތުތައް ކުރަން ފަށަނީ ނުބައި ނިޔަތެއް އޮވެގެނެއް ނޫނެވެ. ބައެއް ފަހަރު މަޖަލަކަށެވެ. އަނެއްބަފަހަރު ފޫހިފިލުވައިލަންވެސް އެފަދަ ކަންކަން ކުރެއެވެ.
ދުވަސްކޮޅަކުން އެކަން ބަދަލުވެގެންދެއެވެ. ނުބައި ގުޅުންތައް ހިންގަން ފެށެއެވެ. އަދި ކައިވެނިނުކުރިނަމަވެސް ދެމަފިރިންގެ ގޮތުގައި އުޅެންވެސް ފަށައެވެ. މިކަން މިހެންވުމަށް މެދުވެރިވާ ސަބަބަކީ ޝައިޠޯނާގެ ވަސްވާސްތަކެވެ. ދެމީހުންގެ މެދުގައި އުފެދުނު އާދައިގެ ގުޅުމުގެ ތެރެއަށް ވަދެގަނެ ޝައިޠޯނީ ގުޅުމަކަށް ބަދަލުކުރުވަނީއެވެ.
ޤަބޫލުކުރިނަމަވެސް ނުކުރި ނަމަވެސް މިއީ އަބަދުހެން ހިނގަމުން އަންނަކަންކަމެވެ، އެކަން އެނގެނީ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހިގެން އަންނަ މީހުން ދައްކާ ވާހަކަތަކުންނެވެ.
ބައެއް އަންހެނުން ބުނާގޮތުގައި ކައިވެނީގެ ފުރަތަމަ ކޮޅު ފިރިންގެ ފޯނު ސިއްރެއް ނުކުރެއެވެ. ދުވަސްކޮޅަކަށްފަހު ސިއްރުކުރެއެވެ. އަދި ބައެއް ފިރިން ފުރަތަމަވެސް ސިއްރުކުރެއެވެ. ސިއްރުކުރުމުން ތުހުމަތުކުރެވެއެވެ. ވީމާ ޝައްކުގެ މަތީގައި ހުންނަން ޖެހުމުން ޝައްކު، ޔަޤީންކަމަށް ބަދަލުވެ، ފިރިމީހާގެ ކިބައިން ބަދަލުހިފުމުގެ ގޮތުން އެމީހުންވެސް ކަންކަން ކުރަނީއެވެ.
ބުނަންހެއްޔެވެ؟ ބަދަލުހިފަން ނަމަވެސް ފާފައެއް ކޮށްފިނަމަ އެކަންވާނީ ފާފައަކަށެވެ. އެކަކު ބޭވަފާތެރިވުމަކީ އަނެކަކު ބޭވަފާތެރިވުމަށް ހުއްދަލިބޭ ކަމެއް ނޫނެވެ. އެކަކު ފާފަކުރުމަކީ އަނެކަކު ފާފަކުރުންވެސް ހުއްދަވާ ކަމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އޮތީ ތެދުވެރިވުމެވެ. ﷲ ތަޢާލާގެ ދީނުގައިވާ ގޮތަށް ޢަމަލުކުރުމެވެ. އިސްލާމް ދީނުގައި ޘާބިތުވެ ހުރުމެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިގެ ޒަމާނުގައި ފޯނު ނެތުމުން ފޯނުބޭނުންކުރުމުގެ ވާހަކަ ޙަދީޘްފުޅަކުން އަދި ޤުރްއާނުންވެސް ނުފެނިދާނެއެވެ. ނަމަވެސް ފެންނަންހުރި ކަންކަން އެބަހުއްޓެވެ. އެކަކު އަނެކަކަށް ތެދުވެރިވުމާއި މަކަރުނުހެދުމާއި އޮޅުވައި ނުލުމާއި އެކަނި ހުރެ ހިލޭ މީހުންނާއި މުޢާމަލާތުނުކުރުމާއި މިފަދަ އެތައް ކަމެއް ދީނުން ފެންނަން އެބަހުއްޓެވެ.
ޒަވާޖީ ޙަޔާތް އުފަލުގައި ދެމެހެއްޓުމަށް އޮތް އެންމެ ފުރިހަމަ އުޞޫލުތައް ފެންނަން ހުރީ އިސްލާމްދީނުގައެވެ. އެއުޞޫލުތަކުގައި ހިފަހައްޓާނަމަ ޖެހޭ މައްސަލަތައްވެސް އަދި ވަރިވެސް ބޮޑުތަނުން މަދުވެގެންދާނެއެވެ. އިން ޝާ ﷲ