ޖޯނީ ޑެޕަށް ދައްކަން އެމްބަރ ހަރޑްގެ މައްޗަށް ކޯޓުން އަމުރުކުރި 10.3 މިލިއަން ޑޮލަރު އޭނާއަށް ނުދެއްކޭނެކަމަށް އޭނާގެ ވަކީލު ބުނެފިއެވެ. އެމްބަރ ހަރޑްގެ ވަކީލު އެލެއިން ބްރެޑްހޮފްޓް ’ޓުޑޭ‘ ޝޯއަށް ދިން އިންޓަރވިއުއެއްގަބުނެފައިވަނީ އެމްބަރއަށް އެވަރުގެ ޢަދަދެއް ނުދެއްކޭނެ ކަމަށާ މި މައްސަލަ މަތީކޯޓެއްގައި އިސްތިއުނާފަށް ހުށަހަޅަން އެމްބަރ ގަސްދުކުރާކަމަށެވެ.
ހޮލީވުޑް އެކްޓަރ ޖޯނީ ޑެޕް އެކްޓްރެސް އެމްބަރ ހަރޑް އާ ކައިވެނިކޮށްގެން އުޅުނުއިރު ގެވެށި އަނިޔާކުރިކަމަށް ދޭހަވާގޮތަށް އެމްބަރ މީޑިއާގަ ޝާއިއުކޮށްފައިވާ ވާހަކަތަކުން އަދި އޭގެ ރައްދުގައި ޑެޕްގެ ލީގަލް ޓީމުން ދެއްކި ވާހަކަތަކުން އެކަކު އަނެކެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެކަކު އަނެކަކަށް ކުރި އަބުރުގެ ދައުވާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕްއަށް 10 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހަރޑްގެ މައްޗަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
ޖޫރީންގެ ޕެނަލުން ނިންމީ އެމްބަރ ހަރޑްއާ ދެކޮޅަށް ޑެޕް ކުރި ހުރިހާ ދައުވާއެއްވެސް ހަރޑްގެ މައްޗަށް ސާބިތުވާކަމަށެވެ. އަދި އެމްބަރ ހަރޑް ލިޔުނު ލިޔުންތަކާ މީޑިއާގަ ދެއްކި ވާހަކަތަކާ ކުރި ކަންތައްތަކުން ޑެޕްގެ އަބުރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ޑޮލަރު ނަގައިދިނުމަށް ޖޫރީގެ ނިންމުމުގައި ބުންޏެވެ. ނަމަވެސް ޖަޖު އަމުރުނެރުނުއިރު ވަނީ އެ އަދަދު 10.35 މިލިއަން ޑޮލަރަށް ތިރިކޮށްފައެވެ.
ޑެޕްއާ ދެކޮޅަށް އެމްބަރ ހަރޑް ކުރި އަބުރުގެ ދައުވާތަކުން އެއް ދައުވާ ސާބިތުވާ ކަމަށް، ހަތް ޖޫރީ މެމްބަރުން ހިމެނޭ ޕެނަލުން ވަނީ ނިންމާފައެވެ. އަދި ޖޫރީންގެ ޕެނަލުން ވަނީ އެމްބަރ ހަރޑްއަށް ޑެޕްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޑެޕް ހަރޑްއަށް 2 މިލިއަން ޑޮލަރު ދެއްކުމަށް އަމުރުކޮށްފައެވެ.
އެމްބަރ ހަރޑްގެ މައްޗަށް ޑެޕް ދައުވާކޮށްފައިވަނީ، އެއްވެސް ހެއްކެއް ނެތި، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ ވޮޝިންގޓަން ޕޯސްޓްގައި އެމްބަރ ހަރޑް ޝާއިއުކުރި ލިޔުމަކާއި ގުޅިގެން، ޑެޕްއަކީ އަންހެނުންނަށް އަނިޔާކުރާ މީހެއްގެ ގޮތުގައި ލޭބަލްވެ އިންޑަސްޓްރީގައި އޭނާއަށް އެތައް ރޯލެއް ގެއްލި، އޭނާގެ އަބުރު ގެއްލިފައިވާތީ އޭގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ. އެމްބަރ ހަރޑް ދައުވާކުރީ އެ ލިޔުމާ ގުޅިގެން ޖޯނީ ޑެޕްގެ ވަކީލުން ދެއްކިވާހަކަތަކުން ހަރޑްގެ އަބުރު ގެއްލި ކެރިއަރަށް އަސަރުކޮށްފައިވާކަމަށް ބުނެ 100 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށެވެ.