ސައުދާގަރުންގެ މުއްސަނދިކަން އިންތިހާއަށް މައްޗައް!
ދެންމެ | 08 ޖޫން 2024

ހިއްސާގެ ބާޒާރުތަކުގެ އަގުތައް އުފުލުމާ އެކު، ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ މުއްސަނދިކަން މީގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް އިއްޔެ ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

ލިކުއިޑް އެސެޓްގެ ގޮތުގައި މަދުވެގެން 1 މިލިއަން ޑޮލަރު ހުރި ”ހައި ނެޓް ވޯތު އިންޑިޑިވިޖުއަލްސް“ ގެ އަދަދު މިދިޔަ އަހަރު 5.1 ޕަސެންޓް އިތުރުވެ މިލިކިއްޔާތަށް 22.8 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް ކޮންސަލްޓިން ފާމް ކެޕްޖެމިނީގެ ދިރާސާގައި ބުނެފައިވެ އެވެ.

މި އެންމެންގެ ޖުމްލަ މިލްކިއްޔާތު މިދިޔަ އަހަރު 86.6 ޓްރިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި އެއީ ކުރީ އަހަރާ އަޅާބަލާއިރު 4.7 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ވޯލްޑް ވެލްތު ރިޕޯޓްގައިވެ އެވެ.

މިއީ ކެޕްޖެމިނީން 1997 ވަނަ އަހަރު މި ހިސާބުތައް ބަލަހައްޓަން ފެށި ފަހުން ހައި ނެޓް ވޯތު އިންޑިޑިވިޖުއަލްސްގެ އަދަދާއި އެ މީހުންގެ މިލްކިއްޔާތު އެންމެ މަތިވި ފަހަރެވެ. ސަބަބަކަށް ވީ ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތަކުގައި އަގުތައް އުފުލުން ކަމަށް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

ހައި ނެޓް ވޯތު އިންޑިޑިވިޖުއަލްސްގެ އަދަދާއި އެ މީހުންގެ މިލްކިއްޔާތުގެ އަދަދު ވެސް 2022 ވަނަ އަހަރު ދަށަށް ދިޔަ އެވެ. އެއީ ގައުމުތަކުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ އެކު އިގްތިސާދާ މެދު ޔަގީންކަން ކުޑަވުމާއި އެފަދަ އެކި ސަބަބުތަކާ ހެދި އެވެ. މިއީ 10 އަހަރު ތެރޭ މިލްކިއްޔާތު ކުއްލިއަކަށް އެންމެ ބޮޑަށް ދަށަށް ދިޔަ އަހަރު ކަމަށް ވިޔަސް 2023 ވަނަ އަހަރު އެ ހުރިހާ ކަމެއް ބަދަލުވީ އެވެ.

މުއްސަނދިންގެ މުއްސަނދިކަން އިތުރުވަމުން ދާއިރު މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވާ މައްސަލައިގެ ބަހުސްތައް ވެސް ދަނީ ފުޅާވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!