ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެމީހުން ކަނޑައެޅުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ ގުރު ނަގައިފަ އެވެ.
ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ކަނޑައެޅުމަށް ގުރު ނެގިއިރު އޭގެ ތެރޭގައި އެ ޝަރުތު ހަމަނުވާ މީހަކު ހުރިކަން އެނގުނީ ދައުލަތުގެ މީޑިއާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. ދައުލަތުގެ ހަރަދުގައި ހައްޖަށްދާ މީހެއްގެ ޝުއޫރު ކަމަށް ބުނެ އާންމުކުރި އެ ވީޑިއޯއާ އެކު ގިނަ ބަޔަކު ވަނީ އޭނާއަކީ ފަގީރެއް ނޫން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އަދި ފަގީރުންގެ ގޮތުގައި އޭނާ ބެލީ ކޮން ހަމައަކުންތޯ ދަނީ ސުވާލުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަކީ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ. އަދި މިސްކިތެއްގައި އިމާމުވެ ނަމާދު ކުރަމުންދާ މީހެކެވެ.
އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖަށްދާ މީހުން މިއަހަރު ކަނޑައަޅާފައި ވަނީ ކުރީ ސަރުކާރުގެ ފަގީރުންގެ ދަފްތަރުގައިވާ ހިމެނޭ މީހުންނާ އެކު ކަމަށެވެ.
”ތިއީ ކުރީ ސަރުކާރުގައި އެކުލަވާލާފައި އޮތް ލިސްޓެއް. އަަޅުގަނޑުމެން ހަވާލުވިއިރު ވެސް އޮތް ލިސްޓެއް،“ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެ ލިސްޓު ދިރާސާކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކުރި އެވެ. އަދި އެ މީހާ އެ ލިސްޓަށް އަރާފައި އޮތީ ކޮވިޑްގެ ހާލަތާ ގުޅިގެން އައި ދަތި ދުވަސްތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
”އެކަން ހިނގާފައިވާ ގޮތް ބަލަމުންދަނީ.“ ޝަހީމް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ ހައްޖު ކުރުމަށް ފުރުސަތު ދޭށެވެ. ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ. އެންމެ ފުރަތަމަ ގުރު ނެގީ އެ އެންމެންގެ މެދުގަ އެވެ.
ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ހައްޖަށް ފޮނުވާ 50 މީހުންގެ ހަރަދު ސީދާ ސަރުކާރުން ހަމަޖައްސާށެވެ. އެހެންވެ، އެ މީހުންގެ ހަރަދުތަކާ ހައްޖު ކޯޕަރޭޝަނާ އެއްވެސް ގުޅުމެއް ނެތެވެ. ކުރިއަށް އޮތް އަހަރުތަކުގެ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުގެ ސްޕޮންސަރުންގެ ދަށުން މި ހަރަދު ހޯދުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ.
ހިލޭ ހައްޖަށް ގެންދަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހުންނެވެ.