އަލީ ޝަރީފުގެ ގޯހާއި އެކު ޖޭއެސްސީ ވެސް ހަރާބް ވަނީ ތަ؟
ދެންމެ | 05 ޖޫން 2022

ދިޓީވީ މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލި ވީޑިޔޯ ސޯސަލް މީޑިޔާގައި އާއްމު ވެގެންދިއުމުން ރައްޔިތުންގެ ޖަޒްބާރުތައް އުތުރި އަރައިގެންދި އެވެ. އެހެންނަމަވެސް އެވީޑިޔޯ އާއި މުޅި މައްސަލަ އަކީ ބިލާހެއް ކަމަށް ހަދައި ޖޭއެސްސީގެ މެމްބަރުކަން ކުރާ ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފް ހުކުމްކޮށް މައްސަލައިގައި ހިމެނޭ މުޖުރިމް ދޫކޮށްލީ އެވެ.

މިމައްސަލައިގެ ހުކުމުގައި އަލީ ޝަރީފް ފާޅުކަން ބޮޑުކޮށް ގޯސް ހަދާފައިވާ ކަމަށް ބުނެ، ކުރީ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނުގެ އެޑަރވަރކަސީ ޗެމްބަރ އިން ވަނީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފަ އެވެ.

މިމައްސަލަ އާއި ގުޅިގެން އިއްޔެ ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަލީ ޝަރީފް އޭނާގެ މައްސަލަތައް ހިންމުގައި ބައިވެރިވަމުން ނުދާ ކަމަަށެވެ.

ޖޭއެސްސީން މިފަދަ ގޮތަކަށް އަލީ ޝަރީފް ދިފާއުގައި ބަޔާން ނެރެފައިވާ އިރު، އަލީ ޝަރީފަކީ މިހާރު ވެސް ޖޭއެސްސީގެ ތަހްގީގް ކޮމެޓީގެ ދާއިމީ މެމްބަރެކެވެ. އޭނާގެ އިތުރުން އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ދެ ބޭފުޅުންނެވެ.

ގާޒީ ކަމަކީ އަބުރުވެރި މަސައްކަތެކެވެ. އަމުދުން ގާޒީންނަށް ފިޔަވަޅު އަޅާ ކޮމިޝަނުގެ މެމްބަރެއްގެ އިއްޒަތުކަށް މާބޮޑެވެ. އެފަދަ ބޭފުޅަކަށް މިފަދަ ތުހުމަތެއް ކުރެވި ރައްޔިތުންގެ ކުރިމަތީގައި އަގުވެއްޓުމުން ބުއްދިވެރި ގޮތަކީ އެމަނިކުފާން އިސްތިފާދެއްވުމެވެ. ފަޑިޔާރުގޭގެ ކަރާމަތަށްޓަކަ އެވެ. މުޅި ޖޭއެސްސީގެ ހައިބަތަށްޓަކަ އެވެ.

ޖޭއެސްސީގެ ބަޔާނާއި ގުޅިގެން ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވީ މިފަދަ ސާފް މައްސަލައެއްގައި ޖޭއެސްސީގެ މެމްބަރަކަށް މިފަދަ ތުހުމަތުތަކެއް ކުރެވުނީމަ އެންމެ ފުރަތަމަ އެ މެމްބަރެެއް މަގާމްގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އަލީ ޝަރީފް ކޮމިޝަނުން ސަސްޕެންޑް ނުކޮށް އޭނާގެ ’ކޮލީގްސް‘ އޭނާގެ މައްސަލަ ބަލައި ފިޔަވަޅު އަޅާ ވާހަކަ ޖޭއެސްސީން ދެއްކީމަ ވަރަށް ބޮޑަށް ލަތުވެތިވާ ކަމަށެވެ.

“ ޖަލްސާ ކުރާ މާލަމުގައި އެޖެންޑާ ކުރެވޭ ހުރިހާ މައްސަލައަކަށް ބަހުސްކޮށް ގޮތް ނިންމާފައި. އަލީ ޝަރީފް މައްސަލަ ބަލަންވީމާ ސައިކޮޓަރިން ކޮފީ ބްރޭކެއް ނެނގީމަ، ދެން މައްސަލައި އިންސާފް ވެރިކަމާއި ޖޭއެސްސީގެ ހައިބަތާއި ދޭތެރޭ ވެސް ލަދުވެތިވޭ.“ އޭނާ ވިދާޅުވި އެވެ.

އޭނާ ބުނީ ތަހްގީގް ކޮމެޓީގައި ތިން ބޭފުޅުން އެކުގައި މައްސަލަތައް ބަލަމުން ގޮސް އަލީ ޝަރީފް މައްސަލަ އާއި ޖެހުމުން ލޯފުޅު ލައްޕާލައްވާފައި އެކަން ނިމުނީމައި ލޯޕުޅު ހުޅުވާލައްވަނީ ކަމަށް ވެދާނެ ކަމަށެވެ.

މެޖިސްޓްރޭޓް އަލީ ޝަރީފާއި ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅުނު އަލީ ޝަރީފް މެމްބަރުކަން ކުރައްވާ ތަހްގީގް ކޮމެޓީން ވަނީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައި ކޮމިޝަނަށް ހުށަހަޅާފަ އެވެ. އެެހެންނަމަވެސް އަދި މިމައްސަލާގައި ސީދާ ކޮމިޝަނުން ގޮތެއް ނިންމާފަ އެެއްނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!