ޗައިނާގެ ކާގޯ ޑްރޯނުން ރާއްޖެއަށް އިންގިލާބެއް ގެނެވޭނެ!
ދެންމެ | 12 ޖޫން 2024

މިއީ އަނެއްކާވެސް ޗައިނާގެ އަމިއްލަ އުފެއްދުމެކެވެ. އެއްވެސް ފަޅުވެރިޔަކު ނުލާ 700 ކިލޯގެ ކާގޯ ހިފައިގެން ދުއްވޭގޮތަށް އޭވިއޭޝަން އިންޑަސްޓްރީ ކޯޕަރޭޝަން އޮފް ޗައިނާ (AVIC) އިން އުފައްދި ޑްރޯންއެކެވެ.

މިއުޅަނދުގެ ފުރަތަމަ ޓެސްޓް ދުއްވުން މިއަދު 12 ޖޫން 2024 ވަނަ ދުވަހު ޗައިނާގެ ޝާންކްސީ ޕްރޮވިންސްގެ ޝިއާންގެ ޖެނެރަލް އޭވިއޭޝަން އެއާރޕޯޓްގައިވަނީ ބައްވާފައެވެ. ޓެސްޓް އުދުހުމުގައި 35 ކިލޯމީޓަރަށް އެއްވެސް މައްސަލައެއްނެތި މި އުޅަނދު އުދުހިފައިވެއެވެ.

މިއުޅަނދުން ލިބޭނެ ފައިދާތަކަށް ބަލާއިރު ތިރިން ދުއްވުމުގެ ގާބިލުކަން ލިބިފައިވުމާއި ޚަރަދުކުޑަކޮށް އެއްތަނުން އަނެއްތަނަށް ކާގޯ ފޮނުވައި ދިނުންފަދަ ފައިދާތައްވެއެވެ. އަދި އަލިފާން ނިއްވާ ތަނަކަށް ބޭނުންވާ ތަކެއްޗާއި އިމަޖެންސީ ރެސްކިއު އޮޕަރޭޝަނެއް ހިނގާ ތަނަކަށް ބޭނުންވާ ތަކެތި ފަސޭހަކަމާއެކު ފޮނުވައި ދެވޭނެއެވެ. މީގެ އިތުރަށް މިއުޅަނދުގައި ކާރި ސަރަޙައްދުތަކަށް ވިޔަފާރީގެ އުސޫލުން ތަކެތި ފޮނުވައި ދެވޭނެއެވެ.

މި ޑްރޯންއަކީ 520 ކިލޯ މީޓަރުގެ ރާސްތާއަށް ދަތުރު ކުރެވޭ އުޅަނދެކެވެ. އެހެންކަމުން ރާއްޖޭގެ މާހައުލުގައި ތޮއްޑޫ، ކާށިދޫ ފަދަ ރަށްތަކުގައި އެއަރ ސްޓްރިޕެއް އޮތިއްޔާ ދަނޑުވެރިން އުފައްދާ ތަކެތި ޚަރަދުކުޑަކޮށް ތާޒާކޮށް މާލެ ސަރަޙަދަށް ނުވަތަ އެރަށަކާ 200 ކިލޯ މީޓަރުގެ ސަރަޙައްދުތެރޭގައި އޮންނަ އެއާރޕޯޓްތަކަށް ފޮނުވާލެވިދާނެއެވެ.

ފަޅުވެރިން ބޭނުން ނުވާތީ މިއުޅަނދު އުދުއްސުމަށް ހިނގާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވާނެއެވެ. އެހެންކަމުން ތަރުކާރީ ފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ހެޔޮ އަގުގައި ގެންދެވޭނެކަން ޔަޤީނެވެ.

މިއުޅަނދަކީ ރާއްޖޭގެ ދަނޑުވެރިންގެ ވިޔަފާރިއަށް ބޮޑު ކުރިއެރުވުމެއް ހޯދައިދެވޭނެ އުޅަނދަކަށްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!