އެޗްޑީސީގެ ބާރާއިއެކު ކޭޕާކުން އެތައް ބަޔަކު ނޮޅާލައިފި އަދިވެސް ސަރުކާރު ނިދާފަ!
ދެންމެ | 12 ޖޫން 2024

ކޭ-ޕާކުގެ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކާފައިވާ މައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދޭން އެޗްޑީސީން މަސައްކަތް ކޮށްނުދޭ ކަމަށް ބުނެ އެ މައްސަލައިގައި ކޭޕާކް އެޕާޓްމަންޓްގަތް ގިނަބަޔަކު މިއަދުވަނީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ވެރިންނާއި ބައްދަލުކުރުމަށް އެއިދާރާ އަށްވެސް ގޮސްފައެވެ.

ކޭޕާކް ފްލެޓް ގަތް  25 ފަރާތާއި އެކު މިއަދު އެޗްޑީސީގައި ބޭއްވި ބައްދަލުވުމަށްފަހު ކޭޕާކް ކޮމިޓީގެ ފަރާތުން އިބްރާހިމް ނަސީމް ރިޒާ ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

ނަސީމް ވިދާޅުވީ އެޗްޑީސީ އާއިއެކު ބޭއްވި ބައްދަލުވުމުން އެކުންފުނިން މިކަމަށް ވެފައިވާ އިހުމާލުގެ ބޮޑުކަން ވަޒަންކުރެވޭ ކަމަށެވެ. އެގޮތުން އެޗްޑީސީން ކޭޕާކް ފްލެޓްތައް ނިންމަން ދިން މުއްދަތު ފަހަނަ އަޅާ ގޮސްފައިޥާއިރު އެތައް ފަހަރެއްގެ މަތިން އެޗްޑީސީގެ ވެރިންނާއި ބައްދަލު ކުރަން ކުރި މަސައްކަތަށް އެޗްޑީސީން ހަރުދަނާކޮށް އިޖާބަ ދީފައި ނުވާކަން ނަސީމް ފާހަގަކުރިއެވެ.

އެޕާޓްމަންޓް ވިއްކަން އެޗްޑީސީން ހަންބޯއަށް ދޫކުރި ލައިސަންސް މިއަދާ ހަމައަށް ވެސް ސަސްޕެންޑްކޮށްފައި ނުވާއިރު ފްލެޓްގަތް މީހުންގެ ކަންބޮޑުވުމެއްގައި ތިއްބާ  މައްސަލަތައް ބަލާ ނިމެންދެން ކޭ-ޕާކުގެ އިތުރު އެޕާޓްމަންޓްތައް ނުވިއްކޭ ގޮތް ހަދައިދިނުމަށް އެމީހުން މީގެ ކުރިން އެޗްޑީސީގައި އެދުމުންވެސް އެކަން ކުރެވިފައިވާ ނުވާކަމުގައި ނަސީމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ހަންބޯ ކުންފުންޏާއެކު ފްލެޓް ގަތް ފަރާތްތަކުން ހަދާފައިވާ ކޮންޓްރެކްޓުތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނެ ގާނޫނީ ބޭފުޅަކާއި ބައްދަލުވެފައި ނުވާއިރު ކޭޕާކް ފްލެޓްގަތް މީހުންގެ މައުލޫމާތު އެޗްޑީސީއަށް ފޯރުކޮށްދެވިފައި ނުވާކަމަށްވެސް ނަސީމް ތުހުމަތުކުރެއްވިއެވެ.

ކޭޕާކް މައްސަލައިގެ ފަސްފަހަތް

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.

ނަމަވެސް އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލު ކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ.

އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖުކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

މަކަރާއި ހީލަތުން ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ ކަމަށް ބުނާ މައްސަލާގައި ލަނޑު ލިބުނު 50އަށް ވުރެ ގިނަ މީހުން ތިބި އިރު، އެއިން ކޮންމެ މައްސަލައެއް ވަކިވަކިން ދައުވާ ކުރަން ޕީޖީ އޮތީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!