އިންސާނުން ކުރާ ކަމެއް ކުރަނީ، އޭނާގެ އަޒަލުގެ ފޮތުގައި ލިޔެވިފައި އޮތް އެއްޗެއް އެނގިގެނެއް ނޫނެވެ. ފޮތުގައި އޮތީ އޭނާ ވާނީ ފާފަވެރިއަކަށް ކަމެއް ނުވަތަ އަޅުވެރިއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން އޭނާ އަމިއްލަ އިޚްތިޔާރުގައި، ފާފަވެރިއަކަށް ނުވަތަ އަޅުވެރިއަކަށް ވަނީއެވެ. ވީމާ ﷲ މިންވަރުކުރައްވާފައިވާ ގޮތް އަހަރެމެންނަށް ވަންހަނާ ވެފައިވާއިރު، (ފާފަތަށްކުރުމަށްފަހު) މިންވަރުފުޅޭ ކިޔާފައި ހުއްޖަތްދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ.
އިންސާނާއަށް ޘަވާބާއި ޢަޛާބު ދެވެނީ ދުނިޔޭގައި އޭނާކުރާ ޢަމަލަށެވެ. މާތް ﷲ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވާ ކަންކަމަށެވެ. އޭނާ ކުރި ހެޔޮކަމެއްގެ ދަރުމަ އޭނާއަށް ވެއެވެ. އަދި ކުޅަ ނުބައި ކަމެއްގެ ސަޒާވެސް އޭނާއަށް ލިބޭނެއެވެ. މީހަކަށް ނުކުޅަދާނަ ކަމެއް ކުރާކަށްވެސް އިސްލާމްދީން ނާންގައެވެ.
(ޤަޟާ ޤަދަރަށް) މިންވަރަށް އިމާންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ކުރިން ހުރިހާ ތަކެއްޗެއް މިންވަރު ކަނޑައަޅުއްވައި، އެކަންކަން ވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަނޑައެޅިފައިވާ ވަޤުތު އެއިލާހު ދެނެވޮޑިގެންވާ ކަމާއި، އަދި އެނގިގެންވާ ތަނެއްގައި އެކަންކަން ވާނެކަމަށް (އީމާންވުމެވެ.). އަދި އެކަމެއް ހިނގާނީ ﷲ ތަޢާލާ ކަނޑައެޅުއްވި ގޮތެއްގެ މަތީންނެވެ.
ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަން.
ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާ ކަމާ އަދި ވެފައިވާ ކަންކަމާ އަދި ވާނޭކަންކަން އެއިލާހު ދެނެވޮޑިގަންނަވާކަމާ އަދި އަދި ނުވާކަންކަމާ އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.
ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާ ކަމަށް އީމާންވުމެވެ.
އަދި ޞަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
((كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ)) [رواه مسلم في صحيحه: 2653]
މާނައީ: “އުޑާއި ބިންހެއްދެވުމުގެ ފަންސާސް ހާސް އަހަރު ކުރިން، ﷲ ސުބުޙާނަހޫ ވަތަޢާލާ ޚަލްޤުތަކުންގެ މިންވަރުފުޅުތައް، ލިޔުއްވިއެވެ.”
ތިންވަނައީ: ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.
ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ. އަދި އެތަކެތީގެ ޙަރަކާތްތަކާއި އަދި ޤާއިމުވާތަންލައްވަނީވެސް ﷲއެވެ. އެއިލާހު ނޫން އުފައްދަވާ ފަރާތެއްނުވެއެވެ. އަދި އެނޫން އުފައްދަވާ ބަލަހައްޓަވާ ފަރާތެއް ނުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
ޤަދަރަށް(މިންވަރަށް) އީމާންވުމުގެ ފައިދާތައް:
ހ. ކަންތައް މެދުވެރިވާ ސަބަބުތަކުގައި ހިފާއިރު ﷲއަށް ބަރޯސާވުން. ސަބަބުތަކުގައި ހިފަންޖެހޭ ފަދައިން އެކަމުގެ އާޚިރު ނަތީޖާގެނެސްދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޤަބޫލުކުރަންޖެހެއެވެ.
ށ. ދެރަކަމެއް މެދުވެރިވެގެން ހާސްވުމެއް އޭރުން ނުވެއެވެ. ސަބަބަކީ ހުރިހާ ކަމެއްވެސް ވަނީ ﷲގެ ޤަދަރުގެ (މިންވަރުގެ) މަތީންނެވެ.