ކުރިއަށް އޮތް ތިން އަހަރަށް ވެހިކަލްތަކެއް ރަޖިސްޓްރީކޮށްދީ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާފައިވާ ބޮޑު ސްކޭމެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން މިފަދަ ސްކޭމެއް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ކޮންފްރެންސްގައި އެމްއޭސީއެލްއިން ވަގަށް ނަގާފައިވާ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރަމުންނެވެ.
އެގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ، އެމްއޭސީއެލްގެ ވެހިކަލް ހޯދުމަށް ހިންގި ތަހުގީގު ތެރެއިން މާލޭގެ ގެއެއްގެ ގަރާޖު ބެލުމުން އެ ވެހިކަލް ފެނިފައިވާ ކަމަށާއި އެ ވެހިކަލްގެ އިތުރުން އިމިގްރޭޝަނުން ގެއްލިގެން ރިޕޯޓް ކުރި ވެހިކަލް ވެސް އެ ގަރާޖު ތެރެއިން ފެނިފައިވާ ކަމަށެވެ.
ގެއްލިފައިވާ ދެ ވެހިކަލް އެ ގަރާޖު ތެރެއިން ފެނުމުން ގަރާޖުގެ ވެރިފަރާތް އެތަނަށް ހާޒިރުކޮށް، އިތުރަށް ބެލިބެލުމުން ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަވެފައިވާކަން ދާއޫދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މައްސަލައިގައި ހިމެނޭ މ. މޮޑެންޕޮއިންޓް، އަހުމަދު ނިޒާމް (43އ) ގެ ނަންމަތީ 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ހިމެނޭ ކަމަށް ދާއޫދު ވިދާޅުވިއެވެ. މި 86 ވެހިކަލުގެ ތެރެއިން ނިޒާމުގެ އަންހެނުންގެ ނަމުގައި 42 ވެހިކަލް ހިމެނޭ ކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.
ދާއޫދު ވިދާޅުވީ، 86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު، މާލޭގައި 86 ގަރާޖު ސިޓީ އޮންނަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށާއި އެހާ ގިނަ އަދަދެއްގެ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވުމުން އެކަން އިތުރަށް ބެލި ކަމަށެވެ. އެގޮތަށް ބެލި ބެލުމުން ކުރިއަށް އޮތް އަހަރުތަކަށް ވެސް ވެހިކަލް ރަޖިސްޓްރީކޮށްދީފައިވާކަން އެނގުނު ކަމަށް ދާއޫދު ވިދާޅުވިއެވެ.
”86 ވެހިކަލް ރަޖިސްޓްރީ ކުރާއިރު 86 ގަރާޖު ސިޓީ މާލޭގައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ ނަމަވެސް ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީ އަދި މިހާރު މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ މެދުވެރިކޮށް ބެލި ބެލުމުން 2023 ގެ ކުރިން 2025، 2026 އަދި 2027 ވަނަ އަހަރުތަކަށް ވެސް ވެހިކަލްތައް ރަޖިސްޓްރީކޮށްދީފައިވާކަން އެނގިގެން ގޮސްފައިވޭ،“ ދާއޫދު ވިދާޅުވިއެވެ.
ދާއޫދު ވިދާޅުވީ، ޓްރާންސްޕޯޓް ތެރެއިން މި ކުށް ނުވަތަ މި ޖަރީމާ ހިންގުމުގައި ތިބި ބަޔަކު ހޯދާ ފިޔަވަޅު އެޅުމުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.