އަލީ ޝަރީފް ތަހްގީގް ކޮމެޓީގައި އިންނަވާ، އެކަމު އޭނާގެ މައްސަލައިގައި ބައިވެރިއެއް ނުވޭ: ޖޭއެސްސީ
ދެންމެ | 05 ޖޫން 2022

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު އަލީ ޝަރީފަކީ އެ ކޮމިޝަނުގެ ދާއިމީ ތަހްގީގް ކޮމެޓީގެ މެމްބަރެއް ކަމަށާއި އެހެންނަމަވެސް އޭނާ އާއި ދެކޮޅަށް ހުށަހެޅިފައިވާ މައްސަލާގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަނަވާ އެއްވެސް ފަނޑިޔާރަކާއި ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ އެއްވެސް މައްސަލައެއްގެ ތަހްގީގްގައި ވެސް އަދި ކޮމިޝަނުން ނިންމާ ނިންމުމުގައި ވެސް އެބޭފުޅަކު ބައިވެރި ނުވާނެ ކަމަށެވެ.

ޖޭއެސްސީން ބަޔާން ނެރެފައިވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ އަދި މީޑިޔާ ކައުންސިލްގެ ކުރީގެ މެމްބަރު  މަސްއޫދު ހިލްމީ އަށް ހަމަލާދިން މައްސަލާގައި ފާޅުކަން ބޮޑުކޮށް ގޯސް ހަދާފައިވާ ކަމަށް ބުނެ، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ހުށަހެޅުއްވި މައްސަލާގައި މައްސަލަ ރައްދުވާ އަލީ ޝަރީފް ހިމެނިވަޑައިގަންނަވާ ތަހްގީގް ކޮމެޓީން މައްސަލަ ބަލައި ސާބިތު ނުވާކަމަށް ނޫސްތަކުން ރިޕޯޓު ކުރުމުންނެވެ.

ކުރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހްތާޒު ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައި ވަނީ އަލީ ޝަރީފް ފަޑީޔާރުކަމުގައި ބަހައްޓަން ނުވާފަދަ އަމަލެއް ހިންގާފައިވާ ކަމަށާއި އޭނާ ފަޑިޔާރުކަމުން ވަކިކުރަންޖެހޭ ކަމަށެވެ.

ޖޭއެސްސީގެ ތަހްގީގް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އަލީ ޝަރީފްގެ އިތުރުން ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީ އާއި ޖޭއެސްސީގެ މެމްބަރު އަބުދުލް މާނިއު ހުސެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!