މާފުށީ ޖަލު ސަރަހައްދުގައި ޑްރޯން އެރުވުމާއި މޫދު ކުޅިވަރުތައް މަނާކޮށްފި.
ދެންމެ | 05 ޖޫން 2022
މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ޑްރޯން އެރުވުމާއި މޫދު ކުޅިވަރުތައް ބޭއްވުން މަނާކޮށްފިއެވެ.

މާފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާފުށި ޖަލު ހިމެނޭ ސަރަހައްދުގެ މަތިން ޕެރަސެއިލިންގއާއި ޑްރޯން އެރުވުމުގެ އިތުރުން، މާފުށި ޖަލުގެ އައްސޭރިފަށް ހިމެނޭ ސަރަހައްދުން ޖެޓްސްކީ ފަދަ މޫދު ކުޅިވަރުތައް ބާއްވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މާފުށީ ކައުންސިލުން. ބުނީ މާފުށީ ޖަލު ހިމެނޭ ސަރަހައްދަކީ ވަކި ޚާއްސަ ހުއްދައަކާއި އެކު ވަދެ ނިކުމެވޭ ސަރަހައްދަކަށްވާއިރު، މިކަމުގެ ސަބަބުން ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިނގަމުންދާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތުމާއި، ޖަލު ހިމެނޭ ސަރަހައްދު ހުއްދަ ނެތި ފޮޓޯ ނަގާ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

މީގެއިތުރުން ޖަލަށް ވެއްދުން މަނާތަކެއްޗާއި އެހެނިހެން ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓްކުރުމުގެ ފުރުސަތު ބޮޑުވެގެނާ ދިއުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަމުގެ ސަބަބުން އަސަރުތައްކުރާނެ ކަންކަންކަމުގައި ކައުންސިލުގެ ބަޔާނުގައިވެއެވެ.

އެހެންކަމުން މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ޕެރަސެއިލިންގއާއި ޑްރޯން އެރުވުމުގެ އިތުރުން، މާފުށި ޖަލުގެ އައްސޭރިފަށް ހިމެނޭ ސަރަހައްދުން ޖެޓްސްކީ ފަދަ މޫދު ކުޅިވަރުތައް ބޭއްވުމަކީ މަނާކަމެއްކަމަށް މާފުށީ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް