މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯއެއްގައި ގިނަ ބަޔަކު ޕިކަޕެއްގައި ބަންދުކޮށް އުފުލާ ވީޑިއޯއަށް އާންމުންގެ ފާޑުކިއުން ރައްދުވެ ފުލުހުން އެންމެފަހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.
އެ ވީޑިއޯއިން ފެންނަނީ ގިނަ ބައެއްގެ މަސައްކަތު މީހުން ބަންދުކޮށްފައި ހުރި ކުޑަ ޕިކަޕަކަށް އަރުވައިގެން ސިނަލާމެ ބްރިޖް މަތިން ގެންދާ ތަނެވެ. އެޕޯސްޓް ކުރި ފަރާތުން ބުނީ ގެރިބަކަރި އުފުލުމުގައި ވެސް މިޔަށްވުރެއް އިހުތިރާމާއެކު ކަން ކުރާކަމަށް ފާހަގަކޮސްފައެވެ.
އެ ކުރު ވީޑިއޯއިން ޕިކަޕުގެ ފަހަތުގައި ދަނގަޑު ޖަހައި ބަންދުކޮށްފައި ހުރިތަން ފެނެއެވެ. އަދި ވައި ދައުރު ކުރުމަށް ހުރި ކުޑަ ޖާގައިން އެކަނިވެސް ގިނަ ބައެއް އޭގައި ތިބިކަން ވީޑިއޯ ބަލާލި ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ. އެ ޖާގައިން އެތައް ބައެއްގެ އަތް ދިއްކޮށްގެން ދަނގަޑުގައި ހިފަހައްޓައިގެން ތިބިތަން ފެނެއެވެ.
ސޭފްޓީ ހެލްމެޓް ގެންގުޅޭ މަންޒަރުން ދޭހަ ވަނީ މިއީ ކޮންސްޓަރަކްޝަން ދާއިރާގައި ބުރަ މަސައްކަތް ކުރާ ބައެއް ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ އެ ކުންފުނިން މަސައްކަތު މީހުން ކޮންމެ ދުވަހަކުވެސް އުފުލާ އުޅަނދެވެ. ސުވާލަކީ މިކަމާ ހަވާލުވެ ތިބި ވެރިން އިންސާނިއްޔަތުކަމާކެދު އެއްވެސް ވިސްނުމެއް ނެތީބާއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާއެކު ގިނަބައެއް ވަނީ ނުރުހުން ފާޅުކޮށް އެކަން ކުރާ ފަރާތްތަކަށް ރުޅިގެ ބަސްތައް ރައްދުކޮށްފައެވެ. ބައެއް މީހުން ބުނީ މިއީ ކޮންމެ މަސައްކަތެއް ކުރާ ބައެއްނަމަވެސް މުއައްޒަފުންނާ ދޭތެރޭ ކަން ކުރަންވާނެ ގޮތް ނޫން ކަމަށެވެ.
އެ ޕޯސްޓްގައި އިތުރު މީހަކު ވަނީ ޕޮލިސް ސްޕޯކްސްޕާސަން އަހުމަދު ޝިފާން ޓެގްކޮށް މީހުން އުޅަނދެއްގައި ބަންދުކޮށް އުފުލުމަކީ ހުއްދަ ކަމެއްތޯ ސުވާލުކޮށްފައެވެ. ޝިފާން އެޔަށް ރައްދުދެމުން ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫންކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ އިތުރަށް ސަމާލު ވާނެކަމަށެވެ.
މި ވީޑިއޯގެ އިތުރުން މިދިޔަ ހަފްތާގައި މިފަދަ އެހެން ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އޭގެން ފެންނަ ގޮތުގައި މާލޭގައި މިފަދައިން ބަންދުކޮށްފައިވާ ޕިކަޕެއްގައި މުއައްޒަފުން އުފުލައި ތަނަކަށް ބާލުވާތަން ފެނެއެވެ.
މި ވީޑިއޯ ފަށައިގެން ނިމެންދެން ބަލައި ގުނާލި މީހަކަށް 40 އަށް ވުރެ ގިނަ މީހުން އޭގެން ފައިބާތަން ފެންނާނެއެވެ. މި ވީޑިއޯއަށްވެސް އާންމުގެ ގިނަ ބައެއް ވަނީ ނުރުހުންފާޅުކޮށް ފާޑުކިޔާފައެވެ.