ގައުމުގެ ސަލާމަތީ ބާރުތަކުގެ ޒިންމާދާރުކަމާމެދު މިއަދު ސުވާލު ނުއުފަންދަންވީ އެއްވެސް ސަބަބެއް ނެތެވެ. ރޭ ޖުމްހޫރީ މައިދާނުގައި ހިނގައިދިޔަ ވައްކަމުން އެ ކަން ވަރަށް ރަނގަޅަށް އެނގި ސާފުވެއްޖެއެވެ. ބަޔަކު މީހުން މި ކަމާ ދެބަސްވިޔަސް ވަރިހަމައެވެ. މި ވާހަކަ ވަރަށް ބާރަށް ދައްކާން އެބަޖެހެއެވެ.
އީދުގެ މަޖަލަށް އެންމެން ތައްޔާރުވަމުން ދަނިކޮށް ރޭ މެންދަމަށް އަޅަން ދިޔަ ވަގުތު މާލެ ސިޓީ ކައުންސިލުގެ ސޯޝަލްމީޑިއާއިން ފެނުނީ ހައިރާންވާވަރުގެ ޕޯސްޓެކެވެ. އީދުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ދިއްލައިފައިހުރި ލައިޓްތަކުގެ ކޭބަލްތައް ”ބިރުކުޑަ“ ވަގުންތަކެއް ގޮސް ވަގަށް ގެންދިޔައީއެވެ.
މި ކަމާ އަޖައިބުވެ އަންތަރީސް ނުވާންވީ ސަބަބެއް ނެތެވެ. ނޫސްވެރިން މި ކަން ވެސް މާ ބޮޑުކޮށްލަނީއޭ ބަޔަކު މީހުން ބުނެފާނެއެވެ. އެހެން ނަމަވެސް, އެ ސަރަހައްދަކީ އެންމެ ސެކިއުރިޓީ ވަރުގަދަ ސަރަހައްދެވެ. ރާއްޖޭގެ ސަލާމަތީބާރުތަކުގެ ”ގޯތިތެރެ“އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖުމްހޫރީ މައިދާން ވަށައިގެން އެ ހުރީ ވެސް ނުލާހިކު ސެކިއުރިޓީ ވަރުގަދަކޮށް ބަލަހައްޓަން ޖެހޭ ތަންތަނެވެ.
ފުލުހުންގެ ހެޑްކުއާޓަރު, ޝަހީދު ހުސައިން އާދަމް ބިލްޑިން އެ ހުރީ ޖުމްހޫރީ މައިދާނާ އިންވެގެން އިރުމަތީ ކޮޅުގައެވެ. ޖުމްހޫރީ މައިދާނުގެ ދެކުނަށް އެ އޮތީ ސިފައިންގެ ހެޑްކުއާޓަރު ބަންޑާރަ ކޮއްޓެވެ. އެ ތަންތަނުގައި 24 ގަޑިއިރު ބަރާބަރަށް ފޯރިމަރައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަބަދުވެސް ހަރަކާތްތެރިވެއެވެ.
ކެމެރާތައް ވެސް އެ ސަރަހައްދުގައި ގުނާ އަދަދު ނުކުރެވޭ ވަރަށް އެބައޮތެވެ. ގައިމު ވެސް, ބަޔަކު މީހުން ގޮސް އެ ސަރަހައްދުގައި ކެމެރާއަކުން ވީޑިއޯއެއް ނަގަންޏާ އެ ކަމެއް ގިނަ ފަހަރަށް ހުއްޓުވާނެއެވެ. — އެ ތަނަކީ ހައި ސެކިއުރިޓީ ޒޯނަކަށް ވާތީއެވެ.
މި ކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިއީ އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެެ. އަދި ކުށްކުރާ މީހުންނަށް އަދަބު ތަންފީޒު ނުކުރެވޭނަމަ މި ކަންކަމަށް ނިމުމެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މަގާމާ ހަވާލުވީއްސުރެ ވެސް އެ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
ފުލުހުންނާ މި ކަމާ ގުޅިގެން ސުވާލުކުރުމުން ބުނީ ސޯޝަލްމީޑިއާގައި މާލެ ސިޓީ ކައުންސިލުން ޕޯސްޓު ކޮށްފައިވާ މައުލޫމާތާ ގުޅިގެން އަދި މިހާތަނަށް ފުލުހުންނަށް ތަފުސީލީ މައުލުމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ފުލުހުން ދަނީ އެ ހާދިސާގެ މައުލޫމާތު ހޯދަން މަސައްކަތްކުރަމުންނެވެ.
އެކަމަކު, އެ ކަން ހިނގައިިދިޔަތާ 12 ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު ފުލުހުންނަށް އެ ކަމުގެ ތަފްސީލީ މައުލޫމާތު ހޯދިފައި ނެތުމަކީ އިހުމާލަކަށް ނުވެ ނުދާނެއެވެ. މިއީ އެހާ ކުޑަކަމެއް ކަމަށް ހަދާ ނިންމައިލެވޭވަރަށްވުރެ މާ ބޮޑު މައްސަލައެކެވެ.
ރޭ ވައްކަން އެ ކުރީ ފުލުހާއި ސިފައިންގެ ހެޑްކުއާޓަރު ތޮއްވަރިންނެވެ. މާދަމާ ވައްކަން ކުރާނީ އެ ތަންތަނުގެ ތެރެއިން ނޫންކަމެއް ނޭނގެއެވެ. މިހާ ހިސާބަށް ކަންކަން ދިޔައީމާ ފުލުހުންނާއި ސިފައިންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެއެވެ. ޒިންމާތައް އަދާކުރެވެނީ ރަނގަޅަށް ތޯ ސުވާލު އުފައްދާނެއެވެެ.