ގިނަގިނަ އިން ޒިކްރުކޮށް ހެޔޮ ބަސްތައް ބޭނުން ކުރޭ!
ދެންމެ | 17 ޖޫން 2024

ޛިކުރުކުރަން ބުނެވިއްޖެނަމަ އެއީ ވަރަށް ބުރަ ކަމެއްކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. އެއީ ޛިކުރުކުރުމާއިމެދު އެމީހުން ވިސްނާ ގޮތުން ކުރިމަތިވާ ކަމެކެވެ.

ކޮންމެ ޛިކުރަކީ ދުލުން ކިޔަންޖެހޭ ކަލިމަތަކެއް ނޫނެވެ. ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢުމަތްތަކާއިމެދު އިރުކޮޅަކު ވިސްނާލައި ”އަލްޙަމްދުލިﷲ“ ކިޔަސް އެއޮތީ ޛިކުރުކުރެވިފައެވެ. ހަމަ އެފަދައިން އެދުވަހު ތިބާއަށް ދެއްވެވި އުފާތަކާއިމެދު ވިސްނާލައި އަލްހަމްދުލިﷲ ކީނަމަވެސް އެއޮތީ ޛިކުރުކުރެވިފައެވެ.

މައްސަލައަކަށް މިވަނީ ދުނިޔަވީ ކަންކަމާއިގެން މާބޮޑަށް ބުރަކޮށް އުޅެވޭތީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭކަމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ގިނަ ވަޤުތުތަކެއް ފާއިތުކޮށްލެވޭ ކަމެވެ. އެއީ ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ.

މިހެން ބުނަން މިޖެހެނީ އެއްވެސް މީހަކު ގިނަގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރާނަމަ ޝައިޠޯނާއަށް އެމީހަކާއި ކައިރިނުވެވޭނެތީއެވެ. ޝައިޠޯނާއަށް އެމީހަކާއި ކައިރިނުވެވޭނަމަ އެމީހަކު ލައްވައި އެއްވެސް ފާފައެއް ނުކުރުވޭނެތީއެވެ.

ލިބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންގެ ތެރެއިން ގިނަ މީހުންނަކީ ހިތަށް އުފާވެރިކަން ނުލިބިގެން ކަންބޮޑުވެފައި ތިބި ބައެކެވެ. އަނެއް ބައަކު ކަންބޮޑުވެފައިތިބީ އުފާވެރިކަން ލިބޭވަރު ކުޑަކަމުންނެވެ. ހިތްތަކަށް އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރިވަރަކުންކަން ޤުރްއާނުން އެބައޮތެވެ.

ވީމާ ހިތަށް އުފާވެރިކަން ބޭނުންނަމަވެސް އަދި ޝައިޠޯނާގެ ކިބައިން ސަލާމަތްވެހުރުމަށްވެސް ޛިކުރުކުރުން ކުރުން ގިނަކުރާށެވެ. އެއަށްވުރެ ފައިދާބޮޑު އެއްވެސް ކަމެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!