ދަރިން ހޯދަން އެއްވުންތައް ބާއްވަން ޖެންޑަރ މިނިސްޓަރ ގޮވާލައިފި
ދެންމެ | 19 ޖޫން 2024

ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ޤައުމީ ފެންވަރުގައި ވަރަށް އަވަހަށް މަޝްވަރާތަކެއް ކުރަންޖެހޭކަމަށް އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ، އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލަ ދުނިޔޭގެ އެހެނިހެން ޤައުމުތަކަށްވެސް ކުރިމަތިވެފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި ދުނިޔޭގެ އެކި ޤައުމުތަކަށް މި މައްސަލަ ކުރިމަތިވެފައިވާކަމަށެވެ. އެ ޤައުމުތަކުން މިހާރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، އެ ޤައުމުތަކުން އުފަންވާ ކުދިންނަށް އެކި ކަހަލަ ޢިނާޔަތްތައް ދެމުންގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމު ޤައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަންވަނީ އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުންވަނީ ހާމަވެފައެވެ. މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ޤައުމުގެ އިޤްތިޞާދާއި މިކަން ގުޅޭ ހިސާބުންނެވެ.

އުފަންވާ ކުދިންގެ އާބާދީ ނިސްބަތް ދަށްވުމުގެ ކަންބޮޑުވުން އިތުރުވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން މިއަހަރު ކުރީކޮޅު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސްވަނީ މިކަމުގެ ސަބަބުން އިޤްތިޞާދަށް އޮތް ނުރައްކާ ފާހަގަކުރައްވާފައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ލިބިފައި މިހާރު އޮތް ހަނި ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ރާއްޖެއަށް ނުހިފިއްޖެނަމަ އެއީ، ޤައުމީ ތަރައްޤީއަށް އެޅިގެންދާނެ ހުރަހެކެވެ.

ރާއްޖޭގެ ބޯހިމެނުމުގެ ނަތީޖާ ހާމަކޮށް މިޢަދަދުތައް ބެލުމަށްފަހު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީ ހުރީ 338434 ގައެވެ. އަދި 2022 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާބާދީ 382751 މީހުންވަނީ އިތުރުވެފައެވެ.

އެކަމަކު، އެ 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5500 ކުދިންނެވެ. ހަމަމިއާއެކު މި މުއްދަތުގައި ރާއްޖޭގެ ދޮށީ ޢުމުރުގެ އާބާދީ އިތުރުވެގެންދާނެއެވެ.

މިކަމުގައި އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ ރިޓަޔަރވާ ބޮޑު އާބާދީއަކާއެކު މަސައްކަތްކުރާ ޢުމުރުގެ އާބާދީ ކުޑަވުމުގެ ސަބަބުން ޤައުމުގެ ހިންގުމަށް ބުރަ ބޮޑުވެގެންދާނެކަމަށްދަނީ ފާހަގަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!