ކަމަދޫ ފަތްމިނިން ނިކުމެ، ދިވެހި ފިރިހެނުން ހަފުސްކޮށް އަވަދިކޮށްފި!
ދެންމެ | 19 ޖޫން 2024

ބ.ކަމަދޫއަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި ސަޤާފަތް އާލާ ކުރަމުން އަންނަ ނަމޫނާ ރަށެކެވެ. ރީތި ހުސްކުރި ޖިންސުއްލަތީފުން ގިނަ ރަށެކެވެ. ރަށަށް އަންނަ މެހެމާނުން ވެސް އެ ރަށް ދޫކޮށް ދާން ބޭނުމެއް ނުވާ ފަދަ ރީތި ރަށެކެވެ. ވަކިން ހާއްސަކޮށް ކޮންމެ އީދަކަށް ކަމަދޫ ރައްޔިތުންގެ ފަރާތުން ފެނިގެންދާ އެއްބައިވަންތަ ކަމާއި ދިވެހިވަންތަ ސަޤާފީ އާދަކާދަތަކަށް ދުވަހަކުވެސް ފަނޑުވުމެއް ނާދެއެވެ. މިފަހަރު ބޮޑު އީދު ވެގެން މިދިޔައީވެސް ކަމަދޫގެ ކުދިބޮޑު އެންމެން ނަމޫނާ ދެއްކި އީދަކަށެވެ.

 

އީދުގެ ކުޅިވަރުތަކަށް ބަލާލުމުން ރަށުގެ ޒުވާން އަންހެނުނާއި ފިރިހެނުން ވެސް ޖޯޝާއި ފޯރީގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދިޔައެވެ. މުޅި ކަމަދޫ އޮތީ އެއް އަޒުމެއްގައި އެއް ރޫހެއްގައި ކުލަގަދަ އީދަކަށް ބައިއަތު ހިފައިފައެވެ. އީދު އުފާ ފެށިގެން ދިޔައީ ހައްޖު ދުވަހުގެ ރޭ މެހެމާނުންނަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި ސްޓޭޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނިގެން ދިޔަ ފަތްމިނި ކަނބަލުންގެ ފަރި ހަރަކާތުންނެވެ.

ކަނބަލުންގެ ދަފި ނެގުމާއި، ބަނޑިޔާ ޖެހުން ފަދަ ޗާލު ނެށުންތައް ކަމަދޫގެ އީދު ހަރަކާތްތަކުން ފެނިގެން ދިޔަ އިރު، އެ ހަރަކާތްތަކުގެ އެއްވަރުކަމާއި، ފުރިހަމަ ކަމުން މި އީދަށް ކަމަދޫ ތައްޔާރުވެފައިވާ މިންވަރު އެނގިގެންދެއެވެ. މި އީދުގައި އެންމެ ފާހަގަވި އެއް ކަމަކީ ކަމަދޫ ރައްޔިތުންގެ ސަޤާފީ ހުނަރާއި އެއްބައިވަންތަ ކަމެވެ. ހަމައެއާއެކު ކަމަދޫއަކީ ފަތްމިނިން ގިނަ ރަށެއްކަން މިފަހަރު ބޮޑު އީދުގެ ހަރަކާތްތަކުން ވަނީ ހާމަވެފައެވެ.

އެ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު އޮތް ދަފި ނެގުމުގެ ހަރަކާތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ކަމަދޫ ފޭސްބުކް ޕޭޖްގައި އާންމު ކުރި އެ ވީޑިއޯއަށް 24 ގަޑިއިރު ނުވަނީސް ވީޑިއޯގެ ވިއުސްގެ އަދަދު ވަނީ 30،000 އާ ގާތްކޮށްފައެވެ.

އެ ހަރަކާތް އެއަށް ވުރެ ކައިރިން ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެ ވީޑިއޯތަކާ އެކު ގިނަ ބަޔަކު ބުނަނީ މިފަހަރުގެ އަޟްހާ އީދުގައި ކަމަދޫ އަށް ނުދެވުމުން ހިތާމަ ކުރާ ކަމަށާއި ކުރިއަށް އޮތް އީދުގައި ކޮންމެހެން ވެސް ކަމަދޫ އަށް ދާނެ ކަމަށެވެ.

ޒުވާން ރީތި އެތައް ފަތްމިންޏެއްގެ ފަރި ހަރަކާތުން އެ ލައްވާ ބަޑިތަކުން ރަށަށް ދިޔަ ގިނަ މެހެމާނުންގެ ހިތް ވަނީ ”ޒަޚަމްވެފަ“އެވެ. ވަކިން ހާއްސަކޮށް ބަޑިޔާ ޖެހުމާއި އަންހެނުންގެ ދަފި ހިމެނެއެވެ. އަދި މެހެމާނުންނާ އެ ބަހައްޓާ ގާތް ކަމަކީ ޒަމާންވީ އެކުވެރިންނާއެކު ބާއްވާ ކަހަލަ ގާތް ގުޅުމެކެވެ.

ގުޅުން ބަދަހިކޮށް ކަމަދޫ ރައްޔިތުންނަކީ ހިތްހެޔޮ ބައެއްކަން މިފަހަރު ބޮޑު އީދުގައި ވަނީ ފެނިގެންގޮސްފައެވެ. އަނެއް ކަމަކީ ބޮޑު އީދަށް މެހެމާނުންނަށް ދައުވަތު ދީފައިވަނީވެސް ކަނބަލުންގެ ފަރި ހަރަކާތް ދައްކުވައިދޭ ރީތި ލަވައަކުން ކަމެވެ. މިއީވެސް ތަފާތު ކަމެކެވެ.

އީދު ހަރަކާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް ”އަންހެނުންގެ ދަފި“ ހަރަކާތާ ބެހޭ ގޮތުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ”ވަގުތަށް“ ވިދާޅުވީ މިއީ ކާބަފައިންގެ ޒަމާނުއްސުރެ އެރަށުގައި އާލާ ކުރަމުން އަންނަ ސަޤާފީ ކުޅިވަރެއް ކަމަށާއި މި ހަރަކާތުގައި ރަށުގެ ކުދި ބޮޑު ހުރިހާ ކަނބަލުން ބައިވެރިވާ ކަމަށެވެ.

”އެއީ ޒަމާނުއްސުރެ އަބަދުވެސް ކުރަމުން އަންނަ ކަމެއް، ކޮންމެ އަހަރަކުވެސް ގަވައިދުން އެއީ ވަކި ކުޅިވަރެއްގެ ގޮތުގައި ރާވާ ޝެޑިއުލް ހަދައިގެން ކުރިޔަށް ގެންދަނީ، މަގުމަތީ އެއްވެސް ހަރަކާތެއްގައި ރަށުން ބޭރުގެ މީހުން ބައިވެރި ނުވާނެ. ކަމަދޫގެ ހުރިހާ ކުޅިވަރެއްގައި ރަށު މީހުން ބައިވެރި ވާނީ.“ ޒަރީރު ވިދާޅުވިއެވެ.

ދަފީގެ ތެރޭގައިވެސް އެންމެ މަޝްހޫރުވީ ކާބަފައިންގެ ޒަމާނުއްސުރެ ޖަހަމުން އަންނަ ބިިލެތް ދަފިއެވެ. މި ދަފި ޖަހާނީ ހަމައެކަނި އަންހެނުންނެވެ. މި ފަހަރު އީދުގައި ބިލެތްދަފި ޖެހުމުގައި މުޅިންވެސް ހަރަކާތްތެރިވެފައިވަނީ ޒުވާން އަންހެނުންނެވެ.

މި ހަރަކާތުން އެނގިގެން ދިޔައީ ފަތްމިނިން އުޅެނީ ހަމައެކަނި ފުވައްމުލަކުގައި ނޫން ކަމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ފަތްމިނިން އުޅޭ ކަމެވެ. ޒަރީރު ވިދާޅުވި ގޮތުގައި މިފަހަރު އީދުގައި ފެނިގެންދިޔަ ބިލެތްދަފިއަކީ އެންމެ ފަސް ވަރަކަށް ދުވަހުގެ ތަމްރީނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!