ގާނޫނު ތަންފީޒުނުވެ، ރާއްޖެ ކުޅޭކުޅޭ ގައުމަކަށް ވެއްޖެ: މޭޔަރ އާޒިމް
ދެންމެ | 19 ޖޫން 2024

ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ފަސްޖެހޭތީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އާޒިމް ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި ރާއްޖޭގެ އިދާރާތައް އޮތީ ވަރަށް ބަލިކަށިކޮށް ކަމަށާއި ކުށެއް ކޮށްފިނަމަ ގާނޫނު ބުނާގޮތަށް އެ ކުށަކަށް އެކަށީގެންވާ އަދަބު ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގައި އިދާރާތައް ނިކަމެތިވެގެން ގޮސް މުޅި ރާއްޖެ ހަލާކުވަމުންދާ ކަމަށާއި އެއްވެސް އުޒުރެއް ނުދައްކައި އިދާރާތަކުން ފަސްނުޖެހި ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

”އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމަކީ މިހާރު ކުޅޭ ކުޅޭ ތަނެއް. އެމީހަކު އުޅޭނެހާ ގޮތަކަށް އުޅެންވީ. ކުރާނެ ކަމެއް ކުރަންވީ. އެކަން އެ ފެންނަނީ. މިއީ މުޅި ރާއްޖޭގެ ވެސް ހާލަތު. ހުރިހާ ތަންފީޒީ އިދާރާތަކުން ވެސް އެބަ ޖެހޭ އެއްވެސް ކަހަލަ އުޒުރެއް ނުދައްކައި ގާނޫނު ތަންފީޒު ކުރަމުންދާން،“ އާޒިމް ވިދާޅުވި އެވެ.

ރައްޔިތުން މީހުން މަގާމުތަކަށް އިންތިހާބު ކޮށްފައި އުންމީދުގައި ތިބީ ސަލާމަތާއި ރައްކާތެރިކަން އޮތް މުޖުތަމައުއެއް އެމީހުންނަށް ލިބޭނެ ކަމަށްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ނެތް މުޖުތަމައުއެއްގައި ނުވެސް އުޅެވޭނެ ކަމަށާއި މިހާރު ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ.

ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ދަނީ ގާނޫނުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށާއި ގޯސްކޮށް ކަންތައްތަކެއް ކުރަމުންދާއިރު ވެސް ފިޔަވަޅުތައް ނޭޅި ދޫކޮށްލެވިގެންދާތަން ފެންނަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

 

”ކުޅޭ ކުޅޭ ގައުމެއް ގޮތުގައި މި ގައުމު ބާއްވާކަށް ރައްޔިތުންނެއް ނޭދޭ. ގައުމު ހަމަ މަގަށް އެޅުވުމަށް މަގާމުތަކަށް އިންތިހާބުވެފައި އަދި އައްޔަނު ކުރެވިފައި ތިބި އެންމެން ވެސް އެބަ ޖެހޭ ގާނޫނާއި ގަވައިދުތައް ތަންފީޒުކުރަން. އެ ނޫން ގޮތަކަށް ރާއްޖެ ސަލާމަތެއް ނުކުރެވޭނެ،“ އާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރުމުގައި ކައުންސިލް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފަ އެވެ. އަދި އާޒިމް ގޮވައިލެއްވީ ތަންފީޒީ އިދާރާތަކުން ވެސް އެގޮތަށް އަމަލުތައް ބެހެއްޓުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!