ކަސްރަތުކުރުމަކީ އެކި މީހުން އެކި ގޮތަށް ކުރާ ކަމެކެވެ. ބައެއް މީހުން ހަތަރު ފާރުގެ އެތެރޭގައި ކަސްރަތުކުރާއިރު އަނެއްބައި މީހުންނަށް ރަނގަޅީ ސާފު ވައިގެ ތެރޭގައި ކަސްރަތު ކުރުމެވެ.
ސުވާލަކީ މި ދެގޮތުންކުރެ ސިއްހަތަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. މިކަމުގައި ސިއްހީ މާހިރުންގެ އިރުޝާދަށް ބަލާލާނަމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ގުދުރަތީ މާހައުލެއްގައި ކަސްރަތު ކުރުމަކީ މީހާގެ ޖިސްމާނީ ސިއްހަތުގެ އިތުރުން ނަފްސާނީ ސިއްހަތަށް ވެސް ފައިދާހުރި ކަމެކެވެ.
މީގެ އިތުރުން ޖިމްތައް ފަދަ ބެދިފައި ހުންނަ ތަންތަނުގައި އާއްމުކޮށް އޭސީ ހުންނަ ކަމަށާއި އެހެން ކަމުން ކަސްރަތު ކޮށްގެން ހަށިގަނޑުން ބޭރުވާންވާ ދާ ރަނގަޅަށް ބޭރުނުވާ ކަމަށް ވެސް އެ ބޭފުޅުން ބުނެ އެވެ.
ހަމަ އެހެންމެ ބޭރުތެރޭގައި ކަސްރަތު ކުރާނަމަ އެކަން ކުރުމުގައި ދެމިހުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް މާހިރުން ބުނެފައިވެ އެވެ.
އެހެން ކަމުން އެންމެ މޮޅު ގޮތަކީ ސާފު ވައި ލިބޭ ގުދުރަތީ މާހައުލެއްގައި ކަސްރަތު ކުރުން ކަމުގައި ބުނެވިދާނެ އެވެ.