މި ވާހަކަ ނުދައްކައި މިހާރު ދޫކޮށްލެވޭކަށް ނެތެވެ. މި ބޮޑު އީދުގައި އެންމެ ބޮޑަށް ވައިގައި ހިފީ މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫގެ ނަމެވެ. އެ ރަށުގެ އީދު ކުޅިވަރު ހަރަކާތްތަކަށް މުޅި ރާއްޖޭގެ ސަމާލުކަން ވަނީ ހުއްޓި ފައެވެ. ސޯޝަލްމީޑިއާގެ ހުރިހާ މަންސައެއްގައި ވެސް މީހުން އެ ދައްކަނީ ކަމަދޫގެ ވާހަކައެވެ. އަންނަ އަހަރުގެ އީދަށް ކަމަދޫއަށް ދާން ބައެއް މީހުން މިހާރު ދަތުރު ހަދަން ފައްޓައިފިއެވެެ.
ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ކަމަދޫގެ އީދު ފެށުމުގެ ގޮތުން ނެރުނު ޕްރޮމޯޝަނަލް ލަވަ ފެނިގެން އެތައް ބަޔަކު އޭނާއަށް ގުޅިއެވެ. އަދި ކަމަދޫގެ ގެސްޓުހައުސްތައް ބުކްކޮށް މާ ކުރީބައިގައި ފުލްވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ އަހަރެއްގައި ވެސް އެ ރަށުގެ އީދު ފޯރި ވަރަށް ގަދަކަމަށް ވިދާޅުވިއެވެ.
އެހެންނަަމަވެސް އެހެން އަހަރުތަކަށްވުރެ މި އަހަރުގެ ފޯރިގަދަވެގެން މި އުޅެނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކާ ގުޅިގެން. މިއީ ކާބަފައިންގެ ޒަމާނުއްސުރެ އަޅުގަނޑުމެން ހިފަހައްޓަމުން އަންނަ އާދަ. އެހެން ނަމަވެސް އަޅުގަނޑުމެން މި ދަނީ ބައެއް ކުޅިވަރުތައް މޮޑިފައިކޮށް ބަދަލުކުރަމުން,“ އޭނާ ވިދާޅުވިއެވެ.
ކަމަދޫ ކައުންސިލް މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ, މި ފޯރީގެ ފަހަތުގައި ވަނީ ”ސީކްރެޓް ރެސިޕީ“އެއް ކަމަށެވެ. އެ ސިއްރަކީ ސިޔާސީ ބައިބައިވުންތަކާއި އެހެނިހެން މައްސަލަތައް އެއްފަރާތްކޮށް ކޮންމެ އަހަރެއްގެ އީދުގައި ވެސް އެ ރަށުގެ ރައްޔިތުން ދައްކާ އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެވެ.
”އީދަށް ތައްޔާރުވާން ފަށާ ހިސާބުން އެ ހުރިހާ ކަންތައްތައް [ބައިބައިވުންތައް[ ދޫކޮށްލައި މުޅި ރަށް އެއްބައިވާނެ. އެއްވެސް ބޭފުޅަކު އީދު ފެށުމުގެ, ދޮޅުމަސް ދެ މަސް ކުރިން މި ރަށަށް އަރައިލާ ހުރެއްޖިއްޔާ ހަމަ ކޮސްވާވަރުގެ މަސައްކަތްތައް މި ރަށުގައި ހިނގާނެ. އެެންމެން އެއްކޮށް ކައުންސިލް އިސްވެގެން އޮވެ އެ މީހުން ގޮވައިގެން އެ މީހުން ޓާސްކުތަކާ ހަވާލުވެ, ރަށުތެރޭ ޝެޑިއުލްތައް ހަދާ އެ މަސައްކަތަކީ ރައްޔިތުންގެ ވަރަށް ބޮޑު މަސައްކަތެއް,“ އޭނާ ވިދާޅުވިއެވެ.
އީދުގެ މި ފޯރި ކަމަދޫގައި ކޮންމެ އަހަރަކު ވެސް ގަދައެވެ. އީދު ފޯރީގެ އެންމެ ކުރީގައި އަބަދުވެސް ލިސްޓުކޮށްލެވޭ އެއް ރަށަކީ ވެސް ކަމަދޫއެވެ. އެހެންވެ, ކޮންމެ އަހަރަކު ވެސް އެތައް ބަޔަކު ކަމަދޫއަށް އީދަށް ދެއެވެ.
މުހައްމަދު ވިދާޅުވި ގޮތުގައި އީދަށް ގާތްގަނޑަށް ހާހަކަށްވުރެ ގިނަ މީހުން ވަނީ އެ ރަށަށް އަރައިފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ޑޭ ވިޒިޓަށް ގާތްގަނޑަކަށް 300-500 ދެމެދުގެ އަދަދެއްގެ މީހުން އެ ރަށަށް ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކައިރި ރަށްރަށަށް މާލޭން ގޮސް އުޅޭ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ.
އީދު ކުޅިވަރުތަކަކީ ކަމަދޫއަށް އާ ކަމެއް ނޫނެވެ. ކޮންމެ އަަހަރަކު ވެސް އެ މީހުން ކޮށް އުޅޭ ކަމެކެވެ. އިހުޒަމާނުގައި ވަރަށް ފޯރިއާއެކު ބަނޑިޔާ ޖެހި ބައެއްކަމުން, އަލަށް އުފަންވާ ޖީލުގެ ކުދިންގެ ކަށީގައި ވެސް އެ ކަން ވަނީ ހަރުލައިފައެވެ. އެ ކުދިންގެ ލޭގައި މި ސަގާފީ ހަރަކާތްތައް ހުންނަނީ ހަރުލައިފައެވެ.
ސަގާފީ ލަވައަކަށް ފައިހަމަކޮށްލައި ނަށައިލުމަކީ ކަމަދޫގެ ޒުވާން ޖީލަށް ވެސް މިހާރު އެއްވެސް ކަމެއް ނޫނެވެ. ވަރަށް ފަސޭހަ ކަމެކެވެ.
”އީދު ކައިރިވާން އެއް މަހަށް ވީމަ ލަވަތައް ސެލެކްޓުކޮށްލައިފައި ޅެންތައް ހަދައިލައިފައި ރާގު ހަދާލައިފައި ރެކޯޑް ކޮށްލައިގެން, 15 ވަރަކަށް ދުވަސް އަސްލު ޕްރެކްޓިސް ކޮށްލެވޭނީ. ވާ ގޮތަކީ ރަށުން ބޭރުގައި ބައިވަރު ކުދިން އުޅޭނެ. އަޅުގަނޑުމެން މި ފަހަރު މި ކޮޅުގައި އޮތް ގުރޫޕް ޕްރެކްޓިސްގައި ވީޑިއޯކޮށްފައި ފޮނުވީމަ ރަށުން ބޭރުގެ ރަށްތަކުގައި ތިބި ކުދިން ހުންނާނެ ބަލައިގެން ޕްރެކްޓިސްކޮށްފައި,“ މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް މިއަށްވުރެ ފުރިހަމަ އީދަކަށް ކަމަދޫ ދަނީ ތައްޔާރުވަމުންނެވެ. މެހެމާނުންނަށް މަރުހަބާ ކިއުމަށް މުޅި އެ ރަށް ދަނީ ތައްޔާރުވަމުންނެެވެ.
ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރު މިއަށްވުރެ މާ ކުޅިވަރުތައް ގިނަކޮށް މާ ފޯރިގަދަ އީދެއް ކަމަދޫގައި އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އީދަށް ދައުވަތު އަރުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި އަަހަރުގެ އީދުގެ އެއްވަނަ ގައިމު ވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަމަދޫއަށް ދީ ނިންމައިފިއެވެ. ގިނަ ބައެއްގެ ހިތް ވެސް ކަމަދޫއަށް ދޫވެ ނިމިއްޖެއެވެ. ކަމަދޫ ފިރިހެންވެރިންނަކީ ހަމަ ތަކުރުންތަކެކެވެ.