އަދިވެސް ބައެއް އިދާރާތަކުން ރޯދަ އެލަވަންސް ނުދޭ
ދެންމެ | 30 މާރޗް 2022

މި ހަފްތާގެ ހޯޯމަ ދުވަހު ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންްސުން އަންގާފައިވީނަމަވެސް، އެ އެންގުމާ އެއްގޮތަށް ސަރުކާރުގެ ބައެއް އިދާރާތަކުން އަދިވެސް ރޯދަ އިނާޔަތް ދީފައި ނުވާކަން ހާމަވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސުން ވިދާޅުވީ، ރޯދަ އެލަވަންސް ދިނުން ލަސްވީ، ފޮނުވަން ޖެހޭ މައުލޫމާތުތައް ބައެއް އިދާރާތަކުން ލަހުން ފޮނުވުމުން ކަމަށެވެ.

ރަމަޟާން މަހުގެ އެލަވަންސް ބައެއް މިނިވަން މުއައްސަސާތަކަށް ވެސްް އަދިވެސް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކަށް މިހާރު މުސާރައާއެކު ރޯދަ އެލަވަންސް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ބައެެއް މުއައްސަސާތަކަށް އަދިވެސް ރޯދަ އެލަވަންސް ނުލިބުމާ ގުޅިގެން ފިނޭންސުން ވިދާޅުވީ، އިއްޔެއާއި މިއަދު ވެސް ބައެއް އިދާރާތަކަށް ރޯދަ އެލަވަންސް ޖަމާ ކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާގައި ވިދާޅުވީ، ރޯދަ އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ 3000 ރުފިޔާ ކޮންމެ މުސްލިމު މުވައްޒަފަކަށް މި ހަފްތާގެ ހޯމު ދުވަހު ދޭން ވާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި ރޯދަ މަހުގެ އިނާޔަތަކީ އެ އަހަރެއްގެ ރަމަޟާންމަހާ ގާތްކޮށްފައި، ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން މުސްލިމު މުވައްޒަފުންނަށް ދޭން ޖެހޭ އިނާޔަތެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!