އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތަކުގެ ތެރެއިން ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބެލުމަށްފަހު، އަޅަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް، ކަނދުރާއެއް ނުބައްލަވައި ފިޔަަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މައި ހަރުގެެެ ހުޅުވައިދެއްވުމަށް މިރޭ ހ .ވެޔޮވިލާގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން މި ސަރުކާރުން ބޭނުންވީ އަދި މި ސަރުކާރުގެ ޝިއާރަކީ ވެސް މި ގައުމުގެ ތަރައްގީ އާއި ހަމަޖެހުމާއި އަމާންކަމާއި މިނިވަންކަން ޔަގީންކޮށްދިނުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދުގައި ދެ ފަރާތަށް ދެމޭ ވަލެއްގެ ގޮތުގައި އޮންނަން ރައްޔިތުން ބޭނުންނުވާކަން މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވި ގޮތަށް މި ގައުމުގެ ތަރައްގީ އާއި ހަމަޖެހުމާއި އަމާންކަމާއި މިނިވަންކަން ޔަގީން ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު ކަމަށެވެ.
ރައްޔިތުން ބޭނުންވި ފަދަ ހަމަޖެހުން މި ގައުމަށް ގެނެސްދެވިފައިވާކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވި މި ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ސިޔާސީ ވިސްނުމެއްގައި ސިޔާސީ މަގުސަދެއްގައި އެއްވެސް މީހަކު ހައްޔަރުކުރިތަން ފެނިގެން ނުދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކިތަންމެ ވަރަކަށް ފާޑުކިޔުންތައް އަމާޒު ކުރިޔަސް އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ތެދު ބަހުން ކަމަށެވެ.
”ތެދު ބަހުން ވާހަކަދެއްކެވުމަށް އަޅުގަނޑު ހިތްވަރުދެން. ދެން އެކަމަކު (އިދިކޮޅު ވާދަވެރިން) އެ ބޭފުޅުންގެ އެ ހިތްވަރު ނެތިއްޔާ ދޮގު ހައްދަވާ. ކިތަންމެ ވަަރަކަށް ހެއްދެވިޔަސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ އެބަހުރި ތެދު ހެދުމުގެ ހިތްވަރު،“ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ ބަދަލު ހިފުމެއް މި ސަރުކާރުން ނުހިފާނެ ކަމަށާއި ބަދަލު ހިފުމުގެ ރޫހު ނައްތާލަން ދިވެހި ރައްޔިތުން ބޭނުންވި ގޮތަށް އެކަން މި ގައުމުން ނައްތާލައިފައިވާ ކަަމަށެވެ.
”އަޅުގަނޑުމެންނާ އެކު ރައްޔިތުން ތިބިހާ ދުވަހަކު މި ގައުމުން ބަދަލު ހިފުމުގެ ރޫހެއް ނުފެންނާނެ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބަދަލުހިފުމުގެ ރޫހު މި ގައުމުން ނައްތާލި ނަމަވެސް އަދުލު އިންސާފު ގާއިމްކުރެވޭނެ ކަމަށާއި ކޮރަޕްޝަނަށާއި ވައްކަމަށް ފުރުސަތު ނޯންނާނެ ކަމަށާއި އެކަން ކުރާ މީހަކު ހެއްކާއެކު އެމަނިކުފާނު ކުރިމައްޗަށް މިހާރު ގެނައި ނަމަވެސް އިސްވެ އެ މީހަކާ މެދު އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކޮރަޕްޝަނަކަށް ވައްކަމަކަށް އަދި ނާޖާއިޒު ގޮތުގައި ގަވާއިދާ ހިލާފަށް ކަންކަން ކުރުމަށް އެ ފުރުސަތު ނޯންނާނެ ކަމަށާއި އެއީ ބަދަލު ހިފުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކަންކަން އޮންނަ އުސޫލެއްގެ ތެރެއިން ބެލުމަކީ އަދުލު އިންސާފު ގާއިމްކުރުން ކަމަށް ވިދާޅުވި އެވެ.
”ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުން ވިޔަސްް އެހެން ފަރާތަކުން ވިޔަސް ހިންގާފައި ހުރި ކަންތައްތައް ނިޒާމުގެ ތެރެއިން ބައްލަވާފައި އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއެއް ނުބަލައި ފިޔަަވަޅު އަޅާނަން،“ ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މިގައުމަށް ކުރިމަގު އުޖާލާވާން އޮތީ ރައްޔިތުން މިހާރު ނިންމާފައިވާ ގޮތަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމާންނާތްތެރިކަމާ އެކު ރައްޔިތުންނާ އެކު ކުރިއަށް ދިއުމަށް އަތްދިއްކޮށް ތިބި މި ސަރުކާރާ އެކު ކުރިއަށް ގޮސްގެން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭ މޭޔަރު ކަމުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމަނިކުފާނަށް މާލޭގެ ރައްޔިތުން ދެއްވި ތާއީދު ފާހަގަކުރައްވައި މާލޭ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް މާލޭ ސިޓީ ކައުންސިލުގެ ބައި އިލެންޝަނާއި އަދި ރަށު ކައުންސިލްތަކުގެ ބައި އިލެކްޝަންތަކުގައި ވެސް ޕީއެންސީން ވާދަކުރައްވާ ކެނޑިޑޭޓުން ހޮއްވަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.