ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ މުހައްމަދު ސަހީމް އަލީ ސައީދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި ވަޒީރުންގެ ތެރޭގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ބޭފުޅުންގެ ތެރެއިން ޒަމީރު ވަޑައިގަތީ އެމެރިކާއަށެވެ. ފަސް ދުވަހުގެ ދަތުރެއްގައި ޒަމީރު ފުރާވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ދަތުރަކީ ގުޅުން ބަދަހިކުރުމަށް ކުރައްވާ ދަތުރެކެވެ. އެ ދަތުރުގެ ތެރެއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް ބުންޏެވެ.
ސައީދާއި ޝަހީމު ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ދަތުރަކީ އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ވޯލްޑް އިކޮނޮމިކް ފޯޜަމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ. އެ ދަތުރުގެ ތެރެއިން ޗައިނާގެ ކޮމާސް މިނިސްޓަރާ ބައްދަލުކުރައްވާނެ ކަމަށްވެސް ބުންޏެވެ.
ޝަހީމުގެ ދަތުރާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ އެ ދަތުރަކީ މި މަހުގެ 28 އަށް ޗައިނާގެ ސިންޖިއަން ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް ޝަހީމު ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ބުންޏެވެ.
ތާރިގު ވަޑައިގެންނެވީ ބޫޓާނަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ތާރިގުގެ އެ ދަތުރަކީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަނިން ކައުންސިލް މީޓިންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
އެ ބައްދަލުވުމުގައި ސަކެޕްގެ މެންބަރު ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުގެ އެހެނިހެން އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ބުންޏެވެ.