މަރު!
ދެންމެ | 25 ޖޫން 2024

މާތް ﷲ އިންސާނާ ނެތުމުގެ ތެރެއިން މަރުވެފައިވާ ހާލު އަހަރުމެން އުފައްދެވިއެވެ. އަދި ދެވަނަ ފަހަރަށް މަރުހިއްޕެވުމާއި އެކު އަލުން ދިރުއްވަވައެވެ. ޤުރުއާނުގެ ގިނަގުނަ އާޔަތްތަކުގައި މަރުވުމާއި ، ދިރުވުމާއި ގުޅިގެން ބަޔާން ކުރައްވާފައިވެއެވެ.

މާތް ﷲ ބާވައިލެއްވި، ފޮތް ޤުރްޢާން ކިޔާށެވެ. ހުރިހާ އާޔަތަކީ މާތްﷲގެ މަގު އިންސާނާ އިޚްތިޔާރުކުރުމަށް އަންގަވާފައިވާ އާޔަތްތަކެވެ. ޝައިޠާނާގެ ފިޔަވަޅުތަކުގައި ނުހިނގުމަށާއި، ޝައިޠާނާއަށް އަޅުކަން ނުކުރުމަށާއި ، އޭނާ ބަނީ އާދަމުގެ ނަސްލަށް ހުރި ބޮޑު ޢަދުއްވެއްކަން ބަޔާންކުރާ އާޔަތްތަކެވެ. ހިސާބު ކިތާބާއި ، ރަޤީބް އަތީދް ، ނަކީރް، މުންކަރާއި، ޖައްނަތުގެ ނިޢުމަތާއި ، ނަރަަކައިގެ ވޭންދެނިވި ޢަޒާބުގެ ވާހަކަ ބަޔާން ކުރާ އާޔަތްތަކެވެ.

ފޮތް ކިޔާ ނިމުމުން ވިސްނާލާށެވެ. އުޅެންވީ ގޮތް ވަރަށް ބޮޑަށް އަންގަވާފައިވާ އަމުރުތަކެކެވެ. ޓެސްޓު ހީކުރާހާ ފަސޭހަ ނުވާނޭކަން ފޮތްކިޔާލުމުން ޔަޤީންވެއެވެ. ސަބަބަކީ ޤިޔާމަތާއި ، ކާއިނާތުގެ ނިމުމަކީ ވުޖޫދިއްޔަތުގެ އެންމެ ބޮޑު ނިމުންކަމުގައި ވުމެވެ. އަދިވެސް ފޮތްކިޔުމުން ދޭހަވާނީ ދުނިޔަވީ އެއްވެސް ވަގުތެއްވެސް އެކަލާނގެއަށް ޒިކުރުކުރުމާއި ޝުކުރުވެރިވުމާއި ، ޢުބޫދިއްޔަތު ނޫން ގޮތެއް ނެތްކަމެވެ. ކަލާނގެ ދާއިރާ ނޫނީ ސަރކަލްތެރޭ މީހާ ހުރުން ނޫން ގޮތެއްނެތްކަމެވެ. ޝައިޠާނާގެ ވަސްވާސީ ޖާޒިބިއްޔަތަށް އެނބުރެވޭ ކޮންމެ ފަހަރަކީ ނުރައްކާވާ ފަހަރެކެވެ. ނަމަވެސް އެކަލާނގެ ތަނަވަސް ރަޙުމަތުގެ ވާހަކައިން ޢަފޫ ކުރައްވާ އޯގާވަންތަ ރަހުމާން ވަންތަ ރަޙީމްކަން ވެސް ބަޔާން ކުރައްވައެވެ.

މިއަދަކީ މަރުވުމާއި ، ދިރުވުމުގެ އާޔަތްތަކާއި މެދު މުޖުތަމަޢު ވަސްވާހާއި ދުރުވެ، ހިނދުކޮޅެއް ވިސްނާލަން ޖެހޭ ދުވަހެކެވެ. މިއަދަކީ އަހަރުމެންގެ އަލްއަޚް އަލްހާޖް އާރިފް ޖަބަރޫތީ ޢާލަމަށް ފުރައުއްތަވި ދުވަހެވެ. ވަކިވެ ދިއުމަކީ ދުނިޔަވީ ހިތާމައެކެވެ. ޖައްނަތާއި އެކަލާނގެ ފުއްސެއްވުން އޮތް ކަމުގެ އުންމީދު ބޮޑެވެ . މާތްﷲގެ މިބިންމަތީގައި ހުރި ގެ ކޮޅަށް ކުޅަ ދިގު ދަތުރެވެ. އިހްރާމް ، ބަނުމާއި ، ޢަރަފާތް ބިމެވެ. އެތާކުޅަ ފުއްސެވުމުގެ ދުޢާ ތަކެވެ. މަބްރޫރު ހައްޖެއްގެ މަތިވެރި އަޅުކަމުގެ ރޫހާނިއްޔަތުގައި ހުއްޓާ އަބަދީ ދުނިޔެއަށް ދަތުރު ކުރިކުރުމެވެ.

اللهم اغفرله وارحمه
އާމީން

 

*މިލިޔުމަކީ އަހުމަދު ތާލިބް އޭނާގެ ފޭސްބުކުގައި ސާއިރު ކުރައްވާފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!