ހާލަތު ވަރަށް ނުރައްކާ، ހަރަދު ކުޑަ ކުރުން ލަސްކުރެވެން ނެތް: ފިނޭންސް މިނިސްޓަރ
ދެންމެ | 27 ޖޫން 2024

ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް ލަސްކުރެވެން ނެތްކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޝަފީގް ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބަޖެޓް ކުޑަކުރުމަށް ޓައިމްލައިނެއް ހެދުން ކަމަށެވެ. އަދި ކުންފުނިތަކަށް ދޭ ސަބްސިޑީ ކުޑަކުރުމަށް ވެސް މަަސައްކަތް ކުރައްވާނެ ކަމަށް ޝަފީގް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް، ވީ އެންމެ އަވަހަކަށް ރިފޯމުތައް އަވަސް ކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

“މި ރިފޯމު ކުރުމަކީ މިހާރު އަޅުގަނޑުމެންނަށް އޮޕްޝަނެއް ނޫން. މި ކަމުގައި މަޖިލީހުންގެ މެންބަރުންގެ އެއްބާރުލުން ބޭނުން” ޝަފީގް ވިދާޅުވިއެވެ.

އަދި ވޭތުވެދިޔަ ދެ އަހަރު ވެސް ފާސްކޮށްފައި އޮތީ ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށާއި މި އަހަރު ވެސް އޮތީ 14 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށް ޝަފީގް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މުޅި އާބާދީގެ ގާތްގަނޑަކަށް 46 ޕަސެންޓަށް މުސާރަ ބޮޑު ކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!