އުދަރެސް ބަނަވެ، ވިލާ ބޯވަމުން އަންނަތަން އެންމެން ވެސް ދުށީމު އެވެ. ގަދަ ވަޔާ އެކު ދަތުރުކުރާ ކެރިގަނޑެއް ނޫން ކަމުން ހަނދު އަރައި، ދިޔަވަރު ފޫދެން ޖަހަންދެން ވިލާގަނޑު ހިފަހައްޓާފައި ހުރީ އެވެ. ނަމަވެސް ވަޔާއި ކެރި ބޯމަތިވެ، ގައުމީ އޮޑި މިއަދު މި ވަނީ ކޮޅިގަނޑުގައި ޖެހިފަ އެވެ.
މިއަދަށް މުހިންމީ ރައްކާތެރި ބަނދަރެއް އަތުޖެއްސުމަށް ހުރިހާ ފަޅުވެރިން އެކުގައި މަސައްކަތް ކުޅައުމެވެ. މިއީ ތިމަންނާގެ ވެސް އޮޑި ކަމުގައި ދަނެ ދިޔަ ހިފެހެއްޓެމަށް އުނގުރިތައް ވަރުގަދަ ކުރުމަށާއި ދަންމާނަށް ދަމައި، ހަންޖާ ހިފެހެއްޓުމުގެ މަސައްކަތުގައި އޮޑީގައި ތިބި އެންމެން ބައިވެރިވުމެވެ.
ބަރުމަރުކާ އަށް ވުރެ މައްޗަށް ބަރާކޮށްގެން، މައިކަނޑުގައި ދުއްވަން ނުކުތް އޮޑި، މި ވަނީ ލުއިކުރަން މަޖޫބޫރު ވެފަ އެވެ. ހަރަދުތައް މަދުކޮށް، އާމްދަނީ އިތުރު ކޮށްގެން ނޫނީ އިގުތިސާދުގެ ހުޅުތަކަށް ކެތެއް ނުކުރެވޭނެ އެވެ. އޮޑި ލުއި ކުރުމުގެ މަސައްކަތް ފަށަން ވާނީ ވިސްނުންތެރިކަމާ އެކުގަ އެވެ. އިހުސާންތެރި ކަމާ އެކުގަ އެވެ.
އޮޑީގައި ތިބީ ކަށި ނޫ ފުރައިގެ ފަޅުވެރިން އެކަންޏެއް ވެސް ނޫނެވެ. މުސްކުޅިންނާއި ކުޑަކުދިންނާއި އެކި ހާލަތުގެ ނުކުޅެދުންތެރިންނާއި ފަގީރުން ވެސް ތިބީ ހަމަ މި އޮޑީގަ އެވެ. ވައިގައި އޮޑި ހިފެހެއްޓުމަށް ’މަޑުމައިތިރިވެ މަތިކިބަ އަށް އަރަން‘ ގޮވިޔަސް އެކި ފަރުދުންނަށް ހެލި ގަނެވޭނީ އެކި ހަލުއި މިނުގައި ކަން ކައްޕި ދަންނަން ވާނެ އެވެ.
ފުނޯސް ނަކަތް ފަދަ ހުޅަނގުގެ ގަދަ ނަކަތެއް ކުރިމަތީގައި އޮތް އިރު ވެސް އަޅުގަނޑުމެންގެ އޮޑީގެ ’ހުންގާނުގައި ހުރީ މޮޅު ލަކުޑި‘ އެވެ. އަޅުގަނޑުމެންގެ ޕްރައިމަރީ އިންޑަސްޓްރީޒް؛ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ދިރުން އެބަހުއްޓެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ބިންގާ ވަރުގަދަ އެވެ. ދުނިޔެ ވަނީ ކޮވިޑު ފަދަ ކާރިސާއެއްގެ ތެރެއަކު ވެސް ނޫނެވެ. އެހެންކަމުން، އަތު އޮތް ފުރޯ އިން ކަނދުރާގައި އަމިއްލަ އަށް ނުޖަހާ ހިނދަކު، އަވައްޓެރި ސްރީ ލަންކާ ދަތުރު ކުޅަ ކަނޑު އޮޅިން ދަތުރުކުރަން ޖެހޭނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ.
މާހައުލު ހަލަބޮލި ކުރުމަކީ މި ވަގުތަށް ރަނގަޅު ގޮތެއް ނޫނެވެ. މި ވަގުތަށް ރަނގަޅީ ސިޔާސީ ކުޅިފަސް ހޯދުމުގެ މަސައްކަތް ފަސްކުޅައުމެވެ. އަމިއްލަ އަށް އަތް އުފުލައި، ހުރިހާ ކުލައެއްގެ ޓައިީ އަޅައިގެން ތިބި އެންމެން އެކުގައި މަސައްކަތް ކުޅައުމެވެ. ނަތީޖާ މާ ބޮޑުތަނުން ރަނގަޅު ވާނީ އޭރުންނެވެ. މުގުރި ރާޅުގެ ފުއްޓަރު ފަރާތޭ،
ގުގުރާ ވިދުންތައް ގިނަވެސް ވަނިއްޔޭ،
ނުގުޑާނެހެން ކަނޑުގެ ހިތްވަރު ކުދިންނޭ،
މުގުލަށްވެ ތައްޔާރު ހަންޖާ ތިބޭށޭ.