ގޮޅީގެ ކެމެރާއަށް ދެފަހަރެއްގެ މަތިން ޖަމީލް ގެއްލުން ދިން: އިހްސާން
ދެންމެ | 29 ޖޫން 2024

މާފުށީ ޖަލުގައި ހުއްޓާ އިއްޔެ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45އ, ހުރި ގޮޅީގެ ކެމެރާއަށް ދެފަހަރެއްގެ މަތިން އޭނާ ގެއްލުންދީފައިވާ ކަމަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޖަމީލް ހުރި ގޮޅީގެ ކެމެރާއަށް ދެ ފަހަރެއްގެ މަތިން ގެއްލުންދީ ކެމެރާ ހަލާކުކޮށްލާފައިވާ ކަމަށެވެ. އިހުސާން ވިދާޅުވީ ފުރަތަމަ ކެމެރާ ހަލާކުކުރުމުން ދެވަނަ ފަހަރަށް އެ ގޮޅީގައި ކެމެރާއެއް ހަރު ކުރުމުން އެ ކެމެރާގައި އޭނާގެ ހަރަކާތްތައް ނުފެންނަ ގޮތަށް ދަތް އުނގުޅާ ބޭސް ހާކާފައިވާ ކަމަށެވެ.

”ޖަމީލު ހުރި ގޮޅީގައި ހަރުކުރެވިފައިވާ ކެމެރާއަށް ދެފަހަރެއްގެ މަތިން ގެއްލުންދީފައިވާ ކަން ފާހަގަ ކުރެވޭ، ދެވަނަ ކެމެރާއެއް ހަރުކުރުމުން އެ ކެމެރާގައި އޭނާގެ ހަރަކާތްތައް ނުފެންނަ ގޮތަށް ދަތް އުނގުޅާ ބޭސް ވަނީ ހާކާފައި.“ އިހުސާން ވިދާޅުވިއެވެ.

ކެމެރާގައި ދަތް އުނގުޅާ ބޭސް ހޭކި ނަމަވެސް އެތެރޭގެ ހަރަކާތްތައް ފެންނާތީ އިތުރު ކެމެރާއަށް ހަރު ނުކުރަން ނިންމިއިރު، އިތުރު ކެމެރާއެއް ހަރުކޮށްފިނަމަ އެއަށް ވެސް ގެއްލުން ދީފާނެތީ އެގޮތަށް އަމަލު ނުކުރީ ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖަމީލްގެ ގޮޅީގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖު ފުލުހުން އާންމުކޮށްފައިވާއިރު އެ ވީޑިއޯ ނުސާފުވީ ދަތް އުނގުޅާ ބޭސް ކެމެރާގައި އުނގުޅުމުގެ ސަބަބުން ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް ޖަލުގައި ހުރިއިރު އޭނާއަށް އަނިޔާކޮށްފައިނުވާނޭ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ރައްޔިތުން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމަށާއި އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!