ކެތްތެރިވޭ! ހާލަތު ބަދަލުވާން ނަނގާނީ ހިނދުކޮޅެއް!
ދެންމެ | 29 ޖޫން 2024

އިޖުތިމާޢީ ގުޅުންތަކާއި އާއިލީ ގުޅުންތަކުގެ ފޭރާން ދެރަ މި މުޖުޠަމައުގައި އާއިލާތައް ރޫޅި ބިކަވުން މިވަނީ އާންމުވެފައެވެ. އެކަމުގެ ސަބަބުން ލިބޭ ހިތްދަތިކަމުގައި ދުވަސްތައް ގުނާ ފަރާތްތައް މިދަނީ އިތުރުވަމުންނެވެ. އެކިމީހުން އެކިގޮތަށް އެކި މިންވަރަށެވެ. އެހެނީ ދިރިއުޅުމަށް އެތައް އުންމީދެއް ކޮށްކޮށްހުއްޓައި ނަގާ ރާޅަކުން ދިރިއުޅުން ވިއްސިވިހާލިވީމާ ހަމަ ކޮންމެ މީހަކަށްވެސް ބަދަލުތަކެއް އަންނާނެތާއެވެ. އޭގެ އަސަރު އެމީހެއްގެ މުޅި ދިރިއުޅުމުން ފެންނާނެތާއެވެ.

 

މިދެންނެވި ފަދަ ހާލަތެއް މީހަކަށް މެދުވެރިވުމުން ބައެއް މީހުންގެ ގޮތަކީ ޒާތްޒާތުގެ ބަސްތައް ބުނެ ފުރައްސާރައާއި، މަލާމާތްކުރުމެވެ. އެކަމުގެ މައްޗަށް ހީސަމާސާކުރުމެވެ. ހަލާކުވެފައިވާ ހިތަކަށް އިތުރު ވޭންތަކެއް ދިނުމެވެ. ހަމަ ފެންނަހާ ތަނަކުން މަލާމާތްކުރުމާއި، ބަދުބަސްތައް ބުނެ ދިމާކޮށްލުމަކީ އެފަދަ މީހުންގެ އާދައެވެ. އެމީހުންނަށް އެކަންވަނީ މާ މަޖާކަމަކަށް ތޯއްޗެކެވެ. ހުދު ތިމާމެންނަށްވެސް އެފަދަކަމެއް ދިމާވެދާނެކަމަކަށް ފަހަރެއްގައިވެސް އެފަދަ މީހުން ވިސްނައިނުލަނީ ތޯއްޗެކެވެ. ނުވަތަ ތިމާމެންނަށް ދުވަހަކުވެސް އެފަދަ ކަމެއް ކުރިމަތި ނުވާނޭކަމުގެ މޮޔަ ވިސްނުން އެބައިމީހުން ގެންގުޅެނީ ތޯއްޗެކެވެ.

 

ދިރިއުޅުމުގައި މީހަކަށް ލިބޭ ހިތްދަތިކަމާއި، ނިކަމެތި ހާލަތަށް މަލާމާތްކޮށް ހަޖޫޖެހުމަކީ ހިތާމަހުރިކަމެކެވެ. އެހެނީ މިއަދަކީ މިއީ އޭނާގެ އިމްތިހާނުގެ ދުވަސް ކަމުގައިވެސް ވެދާނެވެ. މާދަމާ ހަމަ އެހާލުގައި ނުވަތަ އެއަށްވުރެ ނިކަމެތި ހާލެއްގައި ތިބާ އިމްތިހާނު ކުރެވުމަކީވެސް ހަމަ ވެދާނެކަމެކެވެ. އެފަދަ ހާލެއްގައި ވަނިކޮށް ބަދުބަހެއް ނުވަތަ ފުރައްސާރައެއް ރައްދުވުމުން ހިތަށް ކުރާނެ އަސަރު އެއިރުން އިހުސާސް ކުރެވޭނެއެވެ. ހާލަތަކީ ކުޑަހިނދުކޮޅެެއްގެ ތެރޭގައި ފުރޮޅިގެން ހިނގައިދާނޭ އެއްޗެކެވެ.

 

 

* ލިޔުމަކީ ލަތީފް އޭނާގެ ފޭސްބުކް ޕޭޖްގައި ސާއިރުކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!