އިތުރު ތިން ކޮމާންޑު އުފައްދައި 300 އެއްހައި ފުލުހުން ތިބި ސަރަހައްދުތަކަށް ބަދަލުތަކެއް ގެނެސް އެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ތެރެއަށް ގެނައި ބަދަލަކީ ކުރިއަށް އޮތް ހަތަރު އަހަރަށް އެ މުއައްސަސާއިން އެކުލަވައިލި ސްޓްރެޖެޓިކް ޕްލޭނާ އެއްގޮތަށް ފުލުހުންގެ މުއައްސަސާ ރީސްޓްރަޗްކާ ކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ.
އެގޮތުން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބި ފުލުހުންގެ ތެރެއިން 300 އެއްހައި ފުލުހުން އެކި ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޝިފާން ވިދާޅުވީ މާދަމާއިން ފެށިގެން ފުލުހުންގެ މުއައްސަސާ ހިންގާނީ އިތުރު ތިން ކޮމާންޑަކާ އެކު ޖުމުލަ 17 ކޮމާންޑާއި ޑައިރެކްޓަރޭޓުގެ މައްޗަށް ކަމަށެވެ.
އަލަށް އުފެއްދި ކޮމާންޑުތަކަކީ ގޭންގް ކްރައިމް އެންފޯސްމެންޓާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީއާއި ހުޅުމާލެ ޕޮލިސް އެވެ.
މީގެ ތެރެއިން ޑިޖިޓަލް ޑޭޓާ ކޮމާންޑުގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ ކުރިން އައްޑޫ ކޮމާންޑަރަކަށް ހުރި އަހުމަދު އާތިފް (ދުވާ އާތިފް) އެވެ. ޑިޖިޓަލް ޑޭޓާ ކޮމާންޑަކީ ޒަމާނީ ފެންވަރުގައި މައުލޫމާތު އެއްކޮށް އޭގެ މައްޗަށް ބިނާކޮށް ފުލުހުންގެ މުއައްސަސާ ހިންގުމުގެ މަގުސަދުގައި އުފެއްދި ކޮމާންޑެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ ހެޑަކަށް މަޖައްސާފައި ވަނީ މާލެ އޭރިޔާގެ ކޮމާންޑަރަކަށް މީގެ ކުރިން ހުރި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ. އޭނާއަކީ ޕޮލިސް ބޯޑުން މީގެ ކުރިން ފިޔަވަޅު އަޅަން ވެސް ނިންމާފައިވާ މީހެކެވެ.
ޝަރީފުގެ ކުރިން ކްރިމިނަލް އިންވެސްޓިގޭޝަންގެ މަގާމުގައި ހުރީ ޗީފް ސުޕާއިންޓެންޑެންޓް އޮފް ޕޮލިސް، މުހައްމަދު ނާފިޒެވެ. ޕޮލިސް އިންޓެލްއިން ކްރިމިނަލް އިންވެސްޓިގޭޝަނަށް ޝަރީފު ބަދަލު ކުރީ ވެސް މި ސަރުކާރުންނެވެ. ނާފިޒު މިހާރު ހަމަޖައްސާފައި ވަނީ ސާވިސް ސަޕޯޓު ޑިރެކްޓަރޭޓުގެ ހެޑަކަށެވެ.
ފުލުހުންގެ ހިންގުމަށް ދެން ގެނައި ބަދަލުތަކުގެ ތެރޭގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޔޫނުސް ސޮބާހު ވަނީ އޮޕަރޭޝަނަލް ސަޕޯޓުގެ ޑެޕިއުޓީއަކަށް ބަދަލު ކޮށްފަ އެވެ.
އަލަށް އުފެއްދި ގޭންގު ކްރައިމް އެންފޯސްމެންޓުގެ ވެރިއަކަށް ހަމަޖައްސާފައި ވަނީ އާރިފް އެވެ.