ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ އޮތީ ސަރުކާރުން ހުށަހަޅާފައިވާ ފިސްކަލް ޒިންމާގެ ބިލް ނުވަތަ ސަރުކާރުގެ އާމްދަނީ އާއި ހަރަދުކުރުމުގެ ސިޔާސަތުގެ ބިލާ މެދު ކުރިއަށް ގެންދިޔަ އިބްތިދާއީ ބަހުސް އެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު މަޖިލީހުގެ ރައީސް އަބްދުއްރަގީމް އަބްދުﷲ ބަހުސަށް ހުޅުއްވާލެއްވީ ސަރުކާރުން ހުށަހަޅާފައިވާ ’ފިސްކަލް ބިލު’ގެ ބަހުސަކަށް ނޫނެވެ.
”ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ދައުލަތުގެ ފިޒްކަލް ޒިންމާގެ ބިލް…“ ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
އޭގެފަހުން ބިލަށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ވެސް ވިދާޅުވީ ”ފިޒިކަލް“ ބިލް އެވެ. އެ ބިލަށް ވާހަކަ ދައްކަވަން ފައްޓަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ މިހެންނެވެ.
”އަޅުގަނޑުމެން ފުރަތަމަ މި ބަހުގެ [ފިސްކަލް]ގެ މާނައިން ނުވަތަ ޕްރޮނައުންސްކުރާ ގޮތުން ވެސް މިތަނުގައި އޮޅޭގޮތް އެބަވޭ. މީ ރައްޔިތުންނަށް ކޮންމެހެން އޮޅުވާލަން އޮޅުވާލަނީކީ ނޫން ހަމަ ދޫ އޮޅެނީ.“
ޖަލްސާ ފައްޓަވާ ބަހުސަށް ހުޅުވާލުމުން މެންބަރުން ވަނީ އެ ބިލަށް ހޫނު ބަހުސްތަކެއް ކުރައްވައިފަ އެވެ. ވަރަށް ގިނަ މެންބަރުން ބަހުސްގެ ތެރެއިން ފިޒިކަލް ބިލް ނުވަތަ ފިޒްކަލް ބިލް މިހެން ވިދާޅުވަމުން ގެންދެވި އެވެ.
ފިސްކަލްގެ ބަދަލުގައި ފިޒިކަލް މިހެން ވިދާޅުވި އަނެއް މެންބަރަކީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެވެ. އޭނާ ވާހަކަ ފެއްޓެވީ އާދެ ”ފިޒިކަލް ޕޮލިސީ“ގެ ވާހަކަ ދައްކާއިރު މިހެން ވިދާޅުވަމުންނެވެ. އޭނާގެ ވާހަކައިގައި ދެން ވެސް މެންބަރު ވިދާޅުވަމުން ފިސްކަލްގެ ބަދަލުގައި ފިޒްކަލް އެވެ.
ޖަލްސާ ކުރިއަށްދިޔައިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވަނީ އެއީ ފިޒިކަލް ބިލް ނޫން ކަމަށާއި ފިސްކަލް ބިލުކަމަށް ވިދާޅުވެ ޓުވީޓު ވެސް ކުރައްވާފަ އެވެ.
ފިސްކަލް ބިލަކީ ކޮބަ؟
ފިސްކަލް ޒިންމާގެ ބިލަކީ ދައުލަތަށް އާމްދަނީ ހޯދުމާއި ހަރަދުކުރުމުގައި ގެންގުޅެން ޖެހޭ އުސޫލުތައް ކަނޑައަޅަން ހަދަން އުޅޭ ގާނޫނެކެވެ. އިގްތިސާދީ މަފްހޫމުގައި ފިސްކަލްގެ މާނައަކީ ވެސް އިގްތިސާދު މެނޭޖްކުރުމުގައި ގެންގުޅޭ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތެވެ.
މިހާރު ހުށަހަޅާފައިވާ ފިސްކަލް ބިލްގެ އެންމެ މުހިންމު ކަމަކީ ފިސްކަލް ޗާޓަރެއް ހަދަން ލާޒިމްކޮށްފައިވުމެވެ. އެ ޗާޓަރުގެ ބޭނުމަކީ ދަރަނި ނެގޭނޭ ހަމަތަކާއި ހަރަދު ކުރުމުގައި ގެންގުޅޭނޭ ހަމަތައް ތަފްސީލްކުރުމެވެ.
އެ ބިލުގައިވާ ގޮތުގައި، ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަހުގެ ތެރޭގައި އެ ސަރުކާރެއްގެ ފަސް އަހަރުގެ ތެރޭގައި އަމަލު ކުރާނެ ގޮތުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި ވަޒީރުންގެ މަޖިލީހުން ފާސްކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ ޗާޓަރު ވާން ޖެހޭނީ ސަރުކާރުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރެވޭ ޗާޓަރަކަށް ކަމަށް ބިލުގައިވެ އެވެ.
އެ ޗާޓަރުގައި:
-
ރިކަރަންޓް ހަރަދު އިތުރުވާ މިންވަރު އާމްދަނީ އިތުރުވާ ނިސްބަތް ދަށުގައި ބަހައްޓަން ލާޒިމް
-
ތަރައްގީގެ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެކަމުން މާލިއްޔާއަށް ކުރާ އަސަރުތައް ދެނެގަނެ ފީސިބިލިޓީ ހަދަން ޖެހޭ
-
އެ ޗާޓަރަށް ސަރުކާރު، ވަޒީރުން އަދި މަޖިލީހުން އަމަލުކުރުން މަޖުބޫރު
މީގެ އިތުރަށް ޗާޓަރަށް އަމަލުނުކޮށް ސަސްޕެންޑް ކުރެވޭނެ ހާއްސަ ހާލަތްތައް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ. މައިގަނޑު ގޮތެއްގައި އެއީ އިގްތިސާދީ ކާރިސާއެއްގެ ހާލަތެވެ.
އެ ބިލް މަޖިލީހަށް ފާސްވެ ރައީސް ތަސްދީގު ކުރެއްވުމުން މިހާރު އަމަލުކުރާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އުވޭނެ އެވެ.