ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މެންބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފައެވެ. އެކަމަކު، އޭރު އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީން އެ ހުށަހެޅުން ބޭރުކޮށްލިކަން ފާހަގަކުރައްވައި ގާސިމް ވަނީ މި ސަރުކާރު ތަމުސީލުކުރާ ޕީއެންސީގެ ފަރާތުން މެންބަރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ވިޔަފާރިވެރިޔާ ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ.
”މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަން ވެސް ނުފެންނަ ކަމަށް، އިނާޔަތްތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން،“ އޭނާ ވިދާޅުވިއެވެ.
”އެކި ރަށްރަށުން ކަންކަމުގައި ހޮވިވަޑައިގެން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000 ރުފިޔާގެ އެލަވަންސެކޭ ބުންޏަސް 20،000 ރުފިޔާއަކުން އެ ބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،“
އޭނާ ވިދާޅުވީ، މިހާރު މި އޮތީ މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައަޅަން ޔުނިޓަރީ ދައުލަތެއްގައި އޮންނަންވާނެ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.