މާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމުން އެ ކޭބަލުން ކަރަންޓު ދޫކޮށްފައިވަ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިިއްޖެ އެވެ.
ކަރަންޓު ކެނޑިފައި ވަނީ މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުންނެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، އައު ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ.
”…މިއީ މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާ އޮތް ކަމަކަށް ވާއިރު، އަދި މިކަމުގެ ސަބަބުން ސްޓެލްކޯ އަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމް ކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާ ގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،“ އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި ވާއިރު، ކަރަންޓު ކޭބަލް ވަގަށް ނަގައިގެން މާރުކޭޓް ސަރަހައްދުގައި ވިއްކަން ވެސް ބައެއް މީހުން ތިބެ އެވެ. ފުލުހުން އެކަން ހުއްޓުވަން މަސައްކަތް ވެސް ކުރެ އެވެ.
މިދިޔަ އަހަރު ކަރަންޓު ކޭބަލެއް ވަގަށް ނަގަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރު ވެސް ވެފަ އެވެ.