މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ހައްގަކާ ނުލާ ކަމަށް ނުބުނެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މައުލޫމާތު ދެއްވަމުން މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވީ މިފްކޯގެ ވަޒީފާއިން ވަކިކުރި މީހުންނަށް އެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ހައްގަކާ ނުލާ ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ވަޒީފާއިން ކަނޑާލި މީހުންނަކީ ޖެހިޖެހިގެން ފަސް ދުވަހު އޮފީހަށް ނާންނަ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
“މުޅި އަހަރު ތެރޭ 15 ދުވަސް އޮފީހަށް ނައިސްފިނަމަ އެއްވެސް ޝަރުތަކާ ނުލައި އެ މީހުން އޮޓޮމެޓިކަލީ ވަޒީފާއިން ވަކިކުރެވޭ ގޮތަށް މި އޮންނަނީ،“ މި މައްސަލައިގައި މައުލޫމާތު ދެއްވަމުން އިބްރާހިމް ވިދާޅުވި އެވެ.
ކޭޑް ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ރަނގަޅު ނޫންކަން ވަރަށް ކުރީއްސުރެ ބުނެދެމުންދާ ކަމަށާއި އިންޖިނިއަރިންގް ޕްރޮގްރާމްތަކެއް ހިންގައި ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ވަޒީފާއިން ވަކިކުރީ ކިތައް މުވައްޒަފުން ކަން އަދި ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެލިވަރުންނާއި ކޫއްޑޫ، އަދި އައްޑޫގައި ތިބި މުވައްޒަފުންވެސް ވަކިކުރަމުންދާ ކަމަށެވެ. ކުރިޔަށް އޮތް ތަނުގައި ވެސް ވަޒީފާއަށް ފަރުވާކުޑަ، ނަހަލާލު ގޮތުގައި މުސާރަ ނަގާ ނުފޫޒު ބޭނުންކޮށްގެން މަގާމުގައި ދެމިތިބޭ މުވައްޒަފުން ވަކިކުރާނެ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
މި މައްސަލައިގައި ވާހަކަ ދައްކަމުން އިބްރާހީމް ވިދާޅުވީ މިފްކޯގެ އެއްވެސް މުވައްޒަފަކު ހައްގަކާ ނުލައި ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ 100 އިންސައްތަ ޔަގީންކަން ދެއްވާ ކަމަށެވެ.