މަޖިލިސް މެމްބަރުންނާއި ކައުންސިލަރުން މަދުކޮށްލަށް ނިންމައިފި
ދެންމެ | 08 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ ޕީއެންސީގެ ހަރުގޭގައި މިހާރު ކުރިއަށްދާ ޖަލްސާގަ އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ އިސްވެރިޔާގެ ގޮތުގައި އެންމެ މީހަކު ހޮވާއިރު ކުޑަ އާބާދީއެއް އޮންނަ ރަށެއްގައި ގިނަ އަދަދެއްގެ މެންބަރުން އިންތިހާބު ކުރުމަކީ ހަރަދުބޮޑު ކަމެއް ކަމަށެވެ. އެ ހަރަދު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކުގެ ސައިޒް ކުޑަކުރަންޖެހޭ ކަމަށާއި، ކުޑަ އާބާދީތަކުގައި ކައުންސިލް ރައީސާއި، ނައިބު ރައީސެއް ހޮވުމުން ފުދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސްވިދާޅުވި އެވެ.

އަދި ބޮޑެތި އާބާދީ ރަށްތަކާއި ސިޓީތަކުގައި އެއަށްވުރެ ގިނަ މެންބަރުން ހޮވުން ރަނގަޅުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު އަތޮޅު ކައުންސިލްތައް ހޮވަނީ މާނައޮތް ގޮތެއްގައިނޫންކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލް އުފައްދާގޮތް ބަދަލުކޮށް އެއީވެސް ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ސައިޒު ކުޑަ، އަދި ނަތީޖާ ނެރެވޭނެވަރުގެ ކައުންސިލަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށެވެ.

”މިކަހަލަ އިސްލާހުތަކެއް ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނައީމަ އެސަލާމަތް ކުރެވެނީ ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ. އެތައް ކަމެއްގައި ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރެވޭނެ ސަރުކާރަށް،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް އެއްވެސް ހިފެހެއްޓުމެއްނެތި ބޮޑުވަމުންދާ ބޮޑުވުމަށް ހުއްޓުވުމަށް ގެންނަން ޖެހޭ ކަމަށެވެ.

އަދި ޕީއެންސީގެ މަޖިލިސް މެންބަރުން އިސްނަންގަވައިގެން މަޖިލީހުގެ އަދަދު ދަށް ކުރަން ގަރާރެއް ހުށަހެޅުއްވީތީ ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. މަޖިލީހުގެ މެންބަރުގެ އަދަދު ކުޑަކުރާއިރު މާބޮޑަށް ކުޑަކުރުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ 17 ވަނަ މަޖިލީހުގައި ތިބި އަދަދު ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

”77 މެމްބަރުންނަށް މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކޮށް ހަމަޖެއްސުން އެންމެ ރަނގަޅީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ހޮވާ މަޖިލީހަކީ 93 އަށްވުރެ ބޮޑުވެގެންދާ އަދަކަށްވުރެ 77 އަށް ނުވަތަ އެހާ ހިސާބަށް ހަމަޖެހޭ ވަރުގެ އަދަދަކަށް ކުޑަކޮށް އެއަށްވުރެ ބޮޑު ނުވާ ގޮތަށް ގާނޫނަށް ހުށަހަޅާނަން.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެކިއެކި ކޮމިޝަންތަކުގައި ވެސް އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން މެންބަރުން ހަމަޖައްސާފައި ހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، ކޮމިޝަންތަކުގެ މެންބަރުންގެ އަދަދު ވެސް ކުޑަކުރުމަށް ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!